ޚަބަރު
ހޯމް މިނިސްޓަރު އިޙްސާން: އިންދިރާ ޕްރޮޖެކްޓްސްގެ މައިގަނޑު އަމާޒަކަށްވެފައިވަނީ މޫނިމާގޭގެ މަސައްކަތް
ހޯމް މިނިސްޓަރު އަލީ އިހުސާން ފޮޓޯ: އިންޓަރނެޓް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި، ކުރީގެ އެމްޑީޕީ ސަރުކާރުގެ ދައުރުގައި ރާއްޖޭގައި ގިނަ އަދަދެއްގެ ޕޮލިސް ސްޓޭޝަން އެޅުމަށް އެއްބަސްވެފައިވާ އިންދިރާ ޕްރޮޖެކްޓްސް ކުންފުނިން މިހާރު އެންމެ އިސްކަމެއް ދެމުންދަނީ މޫނިމާގޭގެ މަސައްކަތަށް ކަމަށް ފާހަގަކުރައްވައިފިއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، އިންދިރާ ޕްރޮޖެކްޓްސްއިން "ބިގް" ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާ ގަތުމަށްފަހު، މިހާރު އެންމެ އިސްކަމެއް ދެމުންދަނީ މޫނިމާގޭގެ މަސައްކަތަށް ކަމަށެވެ.
ބިގް ކުންފުންޏަކީ ފައްޔާޒް ކުރިން މެނޭޖިން ޑިރެކްޓަރުކަން ކުރި އަދި މިހާރު ވެސް ފައްޔާޒްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. މީގެއިތުރުން މޫނިމާގެއަކީ އަހުމަދު ފައްޔާޒްގެ އާއިލާއިން ދިގު މުއްދަތަކަށް ކުއްޔަށް ހިފައިގެން ތަރައްޤީކުރަމުންދާ އިމާރާތެކެވެ.
މިނިސްޓަރު އިޙްސާން އިތުރަށް ހާމަކުރެއްވި ގޮތުގައި، 2019 ވަނަ އަހަރުގެ އޮގަސްޓު މަހު އިންދިރާ ޕްރޮޖެކްޓްސްއިން ރާއްޖޭގެ ރަށްތަކުގައި 60 ޕޮލިސް ސްޓޭޝަނެއް އެޅުމުގެ މަޝްރޫޢަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އޭރުގެ ސަރުކާރުން މި ހުށަހެޅުމަށް އިޖާބަދިނުމާއެކު، މި މަޝްރޫޢުގެ 85 އިންސައްތަ އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސް ކުރާ ގޮތަށް އަދި 15 އިންސައްތަ ރާއްޖެއިން ފައިނޭންސް ކުރާ ގޮތަށް އެއްބަސްވުމަކަށް އާދެވުނެވެ. މި އެއްބަސްވުމާ އެއްގޮތަށް، އޭރުގެ ސަރުކާރުން އެ ކުންފުންޏަށް 3.6 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މިނިސްޓަރު އިޙްސާން ވިދާޅުވީ މި މަޝްރޫޢުގެ އަމަލީ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ފެށިފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ދޫކުރެއްވި ފައިސާ ބޭނުންކުރެވުނު ގޮތުގެ އެއްވެސް ތަފްސީލެއް އެ ކުންފުނިން މިހާތަނަށް ހިއްސާކޮށްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން، ކުރީގެ ސަރުކާރުން ޕީއެސްއެމްއިން ބިގް ކުންފުންޏަށް 30 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދިން މައްސަލައެއްވެސް ފާހަގަކުރެވުނެވެ. ނަމަވެސް މި އަހަރުގެ މާޗް މަހު ދަށު ކޯޓުން އެ ކުންފުންޏަށް ބަދަލު ދިނުމަށް ކުރި ހުކުމް ވަނީ ބާޠިލު ކޮށްފައެވެ.