ޚަބަރު
ދަތުރުފަތުރުގެ ތަޖުރިބާ އިތުރުކުރުމަށް ސިޓާއިން ޒަމާނީ ޓެކްނޮލޮޖީ ޤާއިމުކުރަނީ

ސިޓާއިން މައުލޫމާތު ދިނުމަސް ބޭއްވި ހަފްލާ ފޮޓޯ: ޕީއެސްއެމް ނިއުސް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓަރމިނަލްގައި ދަތުރުފަތުރުގެ ކަންކަން އިތުރަށް ފަސޭހަކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޤްސަދުގައި ސޮސައިޓީ އިންޓަނޭޝަނަލް ޑި ޓެލެކޮމިއުނިކޭޝަންސް އެރޮނޮޓިކްސް (ސިޓާ) އިން ޓެކްނޮލޮޖީގެ ގިނަ ޚިދުމަތްތަކެއް ޤާއިމްކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި މަސައްކަތް ކުރިއަށްދަނީ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެންނެވެ.
ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް އައިޓީ އާއި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސިޓާއިން ދަނީ ވީއައިއޭގެ އައު ޓަރމިނަލްގައި ފަސިންޖަރުންނަށް ޚިދުމަތްދޭ ނިޒާމުތައް ޒަމާނީކޮށް، އެއާޕޯޓުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރަމުންނެވެ. މި ޚިދުމަތްތަކުގެ ތެރޭގައި އެއާޕޯޓް އޮޕަރޭޝަންސް، ޗެކްއިން އަދި ބޯޑިންއިން ފެށިގެން ބެގޭޖް ހެންޑްލިންގ އަދި ސެކިއުރިޓީއާ ހަމައަށް އެއާޕޯޓް ޕްރޮސެސްތައް ޓެކްނޮލޮޖީއިން މެނޭޖްކުރުމަށް ޚާއްސަ ނިޒާމުތައް ހިމެނެއެވެ.
ސިޓާ އޭޝިއާ ޕެސިފިކްގެ ރައީސް ސުމޭޝް ޕަޓޭލް ވިދާޅުވީ، ވީއައިއޭގެ އައު ޓަރމިނަލްގައި ސެލްފް ސަރވިސް ކިއޮސްކުތަކާއި އެއަރޕޯޓް މެނޭޖްމަންޓް ސިސްޓަމްތައް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް މުސްތަޤްބަލުގައި ބަޔޯމެޓްރިކް ސިސްޓަމް ފަދަ ޓެކްނޮލޮޖީގެ އިތުރު ގިނަ ޚިދުމަތްތަކެއް ވީއައިއޭގައި ތަޢާރަފްކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސުމޭޝް ޕަޓޭލް ވިދާޅުވީ، "ކުރިއަށް އޮތްތަނުގައި ވީއައިއޭގައި ބަޔޯމެޓްރިކް ސިސްޓަމް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި ސިސްޓަމްއަކީ ދުނިޔޭގެ އެކި އެއަރޕޯޓުތަކުގައިވެސް އެ ކުންފުނިން ޤާއިމްކޮށްފައިވާ ސިސްޓަމެކެވެ. މިއާއެކު އެއަރޕޯޓު އޮޕަރޭޝަން އަދި ފަސިންޖަރުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ."
މި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، ވީއައިއޭގައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ އެހެން ހަރުފަތަކަށް ވާސިލުވުމަށް އެމްއެސް އަދި ކްލައުޑްފްލެކްސް ފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ޚިދުމަތްތައް އިތުރުކުރެވޭނެކަމަށް ސުމޭޝް ޕަޓޭލް ވިދާޅުވިއެވެ. މީގެ އިތުރުން، މި ޚިދުމަތްތައް ހަމައެކަނި ވީއައިއޭ އަށް ނޫންކަމަށާއި، ރާއްޖޭގެ ރިސޯޓްތަކަށް ވެސް ފުޅާކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހަރަކާތުގައި އޭޖެންޓުންނާއި ކަސްޓަމަރުންނަށް އޮންލައިން ވެބްސައިޓްތައް މެދުވެރިކޮށް ސެލްފް ޗެކް އިން ޕްރޮސެސް ކުރިއަށް ގެންދާނެ ގޮތް ވަނީ ދައްކާލާފައެވެ.
ސިޓާއަކީ 1949 ވަނަ އަހަރުން ފެށިގެން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚިދުމަތްދެމުން އަންނަ ކުންފުންޏެކެވެ. ފާއިތުވި 76 އަހަރު ދުވަހުގެ ތެރޭގައި، ދުނިޔޭގެ ފެންވަރުގައި 4،900 އަށް ވުރެ ގިނަ މުވައްޒަފުންނާއެކު، 2،500 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދެމުން އަންނައިރު، 410 އަށް ވުރެ ގިނަ އެއާލައިނާއި އެއާޕޯޓުން ސިޓާއާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަޤްސަދަކީ ދަތުރުފަތުރުގެ ކަންކަން ފަސޭހަކޮށް، ފަސިންޖަރުންނަށް ދަތުރުފަތުރުގެ ހިތްފަސޭހަ ތަޖުރިބާއެއް ހޯދައިދިނުމެވެ.