Ads by Stelco

ޚަބަރު

ބ. ތުޅާދޫ ހޮސްޕިޓަލްގައި ސިމެންތިޖެހުމުގެ މަސައްކަތުގެ 90 އިންސައްތަ ނިންމައިފި!

ބ. ތުޅާދޫ ހޮސްޕިޓަލްގައި ސިމެންތިޖެހުމުގެ މަސައްކަތުގެ 90 އިންސައްތަ ނިންމައިފި!

ބ. ތުޅާދޫ ހޮސްޕިޓަލްގައި ސިމެންތިޖެހުމުގެ މަސައްކަތް ނިމިފައި ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ސެޕްޓެމްބަރު 2025، 04:54

09 ސެޕްޓެމްބަރު 2025، 04:54

ބ. އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ތުޅާދޫގައި ޤާއިމުކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ނިމުމާ ގާތްވެފައިވާ ކަމަށް، އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންއަންނަ އެމްޓީސީސީ ކުންފުނިން ހާމަކޮށްފިއެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިމުމުގެކުރިން ނިންމޭނެ ކަމަށް ލަފާކުރެވޭ މި މަޝްރޫޢުގެ ސަބަބުން ބ. އަތޮޅުގެ ޞިއްޙީ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

މަޝްރޫޢުގެ މުހިންމު މަރުހަލާތައް

މި މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ދެ ބުރީގެ 30 އެނދުގެ މި ހޮސްޕިޓަލާއެކު، ސާވިސް ބްލޮކެއް އަދި މުވައްޒަފުން ދިރިއުޅޭނެ އެކޮމަޑޭޝަން ބްލޮކެއްވެސް ހިމެނެއެވެ.

2025 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް، ހޮސްޕިޓަލުގެ ބިންގާ އެޅުމުގެ މަސައްކަތާއި، ތަނބުތައް ޖެހުމާއި، ގްރައުންޑް ފްލޯ އަދި ފުރަތަމަ ފްލޯރގެ ސުލެބް އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އެންމެފަހުގެ މަރުހަލާގެ ގޮތުން ފުރާޅުގެ ސުލެބް އެޅުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. ގްރައުންޑް ފްލޯރގެ ފާރު ރޭނުމުގެ މަސައްކަތް ކުރިއަށްދާއިރު، ފުރާޅުގެ ހިސާބުގައި ތަނބު އެޅުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

އެމް.ޓީ.ސީ.ސީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްގެ ފާރު ރޭނުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ނިމިފައެވެ. އަދި ފުރަތަމަ ފްލޯރގެ ފާރު ރޭނުމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. ފުރާޅުގެ ސުލެބް އެޅުމަށް ތައްޔާރުވުންތައް މިހާރު ވަނީ އެންމެ ފަހުގެ މަރުހަލާގައެވެ. މީގެ އިތުރުން، ޕެރަޕެޓް ވޯލް އެޅުމުގެ މަސައްކަތާއި ގްރައުންޑް ސުލެބް ކޮންކްރީޓް ކުރުމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

ރައްޔިތުންނަށް ފައިދާ

ބ. އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ތުޅާދޫގައި 3,000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. މިހާރު ތުޅާދޫގައި ހިންގަމުންދާ ހެލްތު ސެންޓަރަކީ ވަޞީލަތްތައް މަދު، އަދި ކޮންމެ ދުވަހަކު 40 އަށްވުރެ ގިނަ މީހުން ބޭސްފަރުވާއަށް ދާ ތަނެކެވެ. މި ހޮސްޕިޓަލު ހެދި ނިމުމުން ތުޅާދޫގެ ރައްޔިތުންނަށް އެތަނުން ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ. މީގެ އިތުރުން، ހިތާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ފަދަ ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް ފަސޭހައިން ޞިއްޙީ ޚިދުމަތްތައް ލިބޭނެއެވެ. މިކަމުގެ ސަބަބުން ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލަށް އޮންނަ ބާރު ކުޑަވެ، ޚިދުމަތްތައް ހަލުވިވެގެންދާނެއެވެ.
ޖުމްލަ ގާތްގަނޑަކަށް 114.50 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ ބ. އަތޮޅުގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން