ޚަބަރު
އެމްޑީޕީ ސަރުކާރުގެ އިހުމާލުން ގިނަ މަޝްރޫޢުތަކެއް ހުއްޓިފައި
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ކުރީގެ ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ފަށައި، އެޑްވާންސް ފައިސާ ނުދީ ހުއްޓުވާލާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއްވިއިރު، ގިނަ ރަށްރަށުގައި މަޝްރޫޢުތައް ފަށައި، ކޮންޓްރެކްޓަރުން ލައްވާ ބައެއް ސާމާނު ގެންގޮސް، ބައެއް ހާލަތްތަކުގައި ވަޅުގަނޑެއް އެކަނި ކޮނެފައި ހުރި މަޝްރޫޢުތައް ފެނިވަޑައިގަތްކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މީގެ ތެރެއިން ބައެއް މަޝްރޫޢުތައް ހުރީ ކޮންޓްރެކްޓް ސޮއިކުރެވި ނަމަވެސް އެޑްވާންސް ފައިސާ ނުދީކަމަށެވެ. އަދި ކޮންޓްރެކްޓަރުން ދެތިން މުވައްޒަފުންނާއެކު ރައްރަށަށް ގޮސް މަސައްކަތް ފަށާފައިވާކަން ދައްކަން މަަސައްކަތްކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
މިސާލެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ ސީއެމްސީ ކިޔާ ކުންފުންޏަކާއެކު ތިން އެއަރޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ކޮންޓްރެކްޓް ސޮއިކުރުމަށްފަހު، ކޮންޓްރެކްޓްގައިވާ ގޮތަށް އެޑްވާންސް ޕޭމަންޓް ނުލިބުނު ނަމަވެސް އެ ތިން ރަށުގައި ބަންޑު މަސައްކަތް ކުރުމަށް ފަށައި، ބައެއް ރަށްރަށުގައި ބަންޑު މަސައްކަތް ނިމި މަސައްކަތް ހުއްޓާލާފައިވާކަމެވެ.
މިނިސްޓަރު ވިދާޅުވީ އަލަށް މިނިސްޓްރީ ހަވާލުވި އިރުވެސް އެޑްވާންސް ޕޭމަންޓް ދައްކާފައި ނުވާކަމަށެވެ. އަދި ކޮންޓްރެކްޓް ބުނާ ގޮތުން މަސައްކަތް ފަށަން ޖެހެނީ އެޑްވާންސް ޕޭމަންޓް ދައްކާފައި ކަމަށްވެސް ވިދާޅުވިއެވެ.
މިގޮތުން މިނިސްޓަރު ފާހަގަކުރެއްވި ތިން ރަށަކީ:
- ތ. ވިލުފުށީ އެއަރޕޯޓް އެޅުމާއި ބިން ހިއްކުމުގެ މަޝްރޫޢު
- ބ. ތުޅާދޫ އެއަރޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫޢު
- ށ. ބިލެއްފަހީ އެއަރޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫޢު
މިނިސްޓަރު އިތުރަށް ވިދާޅުވީ މަޝްރޫޢުތައް ކުރިއަށް ގެންދަން ދަތިވެފައިވަނީ ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށް ވުމާއި، އެ މަޝްރޫޢުތައް ކުރިއަށް ގެންދަން އެއްބަސްވެފައިވާ ޕޭމަންޓް ޝެޑިއުލްއާ އެއްގޮތަށް ފައިސާ ދެއްކުމަށް ބަޖެޓްގައި އަދަދު ހިމެނިފައި ނުވާތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިދެންނެވި ފަދަ ގޮތަކަށް ވަރަށް ގިނަ މަޝްރޫޢުތަކެއް ފަށައި، މޮބިލައިޒް ކުރެވިފައި ހުރި ކަމަށެވެ.