ޚަބަރު
ބޭހާއި ސިއްޙީ ސާމާނު އެތެރެކުރާނެ ޚާއްސަ ކުންފުންޏާއިއެކު ސިއްޙީ ދާއިރާ ހަރުދަނާވެގެންދާނެ!

އެސްޓީއޯ މާމެންދޫ ފާމަސީ ފޮޓޯ: އެކްސް
ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް އެތެރެކޮށް ބެހެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް އުފައްދަވާފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ނިޒާމަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ބޭހާއި ސިއްޙީ ސާމާނު އެތެރެކުރުމުގެ މަސައްކަތް
ތައްވޭތުވެދިޔަ 19 ވަރަކަށް މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމުގެ މުޙިއްމު މަސައްކަތްތަކެއް ފަށާފައެވެ. އެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ ގޮތުން، ޚާއްސަކޮށް މި ދާއިރާއަށް އަމާޒުކޮށް މިހާރު މި ވަނީ ކުންފުންޏެއް އުފައްދާފައެވެ.
އައު ކުންފުނީގެ މަޤުޞަދު
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" އަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ގޮތަށް އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤުޞަދަކީ، ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްކުރުމެވެ.
މާޒީއާއި ބަދަލުތައް
ރާއްޖެއަކީ ބޭހާއި ސިއްޙީ ޚިދުމަތްދޭ ހުރިހާ ސާމާނެއްވެސް ބޭރުން އިމްޕޯޓުކުރާ ޤައުމަކަށްވުމުން، ސަރުކާރުގެ ހޮސްޕިޓަލުތަކަށް ބޭނުންވާ އެފަދަ ސާމާނު މައިގަނޑުގޮތެއްގައި އެތެރެކުރަނީ އެސްޓީއޯ މެދުވެރިކޮށެވެ. އެސްޓީއޯއަކީ ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި، ތެލާއި ޢިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާ ތަކެތި އެތެރެކޮށް ޚިދުމަތްދެމުން އަންނަ ސަރުކާރުގެ ވިޔަފާރި ކުންފުންޏެއް ނަމަވެސް، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އެތެރެކުރުމަށްވެސް ވޭތުވެދިޔަ މާޒީގައި ސަރުކާރުތަކުން ބަރޯސާވެފައިވަނީ އެސްޓީއޯއަށެވެ.
ނަމަވެސް، ސަރުކާރުން މިކަންކަމަށް ޚާއްސަކޮށްގެން އުފެއްދެވި ކުންފުންޏާއެކު، ބޭހާއި ބަލިމީހުންނަށް ބޭނުންވާ އެހެނިހެން ސާމާނުގެ އިތުރަށް، ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ އެންމެހާ ސާމާނު ރާއްޖެއަށް އެތެރެކޮށް އެތަކެތި އެމަރުކަޒުތަކަށް ފޮނުވާނީވެސް އެކުންފުނީގެ ބެލުމުގެ ދަށުންނެވެ. އަދި މިހާރު އެސްޓީއޯ މެޑިކަލްސްއިން ކުރާ ހުރިހާ މަސައްކަތެއް ދެންކުރާނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" އިންނެވެ.
ސިއްޙީ ނިޒާމަށް އަންނާނެ ބަދަލުތައް
ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ފާމަސޫޓިކަލް ކުންފުންޏާއެކު ރާއްޖޭގެ ސިއްޙީ ނިޒާމަށް އަންނާނެ ބަދަލާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މެޑިކަލް ދާއިރާއަށް ބޭނުންވާ ތަކެތި ރާއްޖެއިން ބޭރުން ހޯދާ އެތެރެކުރުމުގެ މަސައްކަތްކުރާނެ ވަކި ޚާއްސަ ޓީމެއް އޮތުމުން، އެކަން މެނޭޖްކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި އެކި މުދާ ހޯދާ އެތެރެކުރުމަށް މަސައްކަތްކުރާ ކުންފުންޏަކަށްވުރެ ބޮޑަށް ސިއްޙީ ދާއިރާއަށް ބޭނުންވާ ތަކެއްޗަށް އެކަނި އަމާޒުކޮށް މަސައްކަތްކުރުމުން ކޮލިޓީ ތަކެތި ހޯދުމަށް މަގުފަހިވެ، އަގުހެޔޮކޮށް ތަކެތި ގެނައުމަށް ބައިނަލްއަޤުވާމީގޮތުން ނެޓްވޯކިންގައި މުހިއްމު ދައުރެއް އަދާކުރެވޭނެކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
މިކުންފުނި އުފެއްދުމާއެކު ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ބޭހުގެ ޔަގީންކަން ކަށަވަރުވެގެންދާނެ. ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ދެން އެއްދިމާއަކުން ހުރިހާ އެއްޗެއް ލިބޭނެކަން ޔަގީންވެގެންދާނެ. އަދި ކޮލިޓީ ތަކެތި ހޯދުމަށް ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު، ސަޕްލަޔަރުންނާއި ޑައިރެކްޓްކޮށް ވާހަކަދެކެވޭނެގޮތަކަށް މިކުންފުނި ބައްޓަންވެގެންދާނެ ސީއީއޯ
ސީއީއޯ
ސިއްޙީ ދާއިރާއަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެތެރެކޮށް ފޯރުކޮށްދިނުމަށް ޚާއްސަ މިކުންފުންޏާއެކު، ގަނޑުކޮށް ތަކެތި ގަތުމުން އަގުހެޔޮވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު ސްޓްރެޓެޖިކް ނިޒާމެއްގެ ތެރެއިން ރަށްރަށުގެ ހޮސްޕިޓަލުތަކުގައި ހުންނަ މެޝިނަރީޒްގެ ކަންކަން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރެވި، ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއާއެކު ސަރުކާރުން ތަރައްޤީކުރަމުން އަންނަ އައު ހޮސްޕިޓަލްތަކާއެކު ރާއްޖޭގެ ސިއްޙީ ނިޒާމު ޢުމްރާނީގޮތުން އަދި ވަޞީލަތުގެ ގޮތުންވެސް ހަރުދަނާވެ ރައްޔިތުންނަށް އެކަށޭނެ ރައްކާތެރި ސިއްޙީ ފަރުވާ ފޯރުކޮށްދެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.