ޚަބަރު
އަލިބާބާއާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޯކްޝޮޕަށް 24 ގަޑިއިރުތެރޭ 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެއްޖެ

ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް ދައްކާލުމް. ފޮޓޯ: ޕީއެސްއެމް
ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕަށް މިހާތަނަށް 150 އަށްވުރެ ގިނަ ބައިވެރިން ރަޖިސްޓްރީވެއްޖެއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށެވެ. ވޯކްޝޮޕްގެ ރަޖިސްޓްރޭޝަން ހުޅުވާލިތާ 24 ގަޑިއިރުގެ ތެރޭގައި 155 ދިވެހި ވިޔަފާރިވެރިއަކު ވަނީ ރަޖިސްޓްރީވެފައެވެ.
މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލީބާބާ ޑޮޓް ކޮމްގެ ތަޖުރިބާކާރުންނެވެ. އަދި މި ވޯކްޝޮޕްގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި ސެލާރ އެކައުންޓް ހުޅުވައި، އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވިޔަފާރިއާ ބެހޭ ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ފުއްދެވުމުގެ ގޮތުން އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ. އެއީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖެއްސުމެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެ ވިޔަފާރިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރުސަތުތައް ހޯދައިދިނުމެވެ. މިގޮތުން ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ވިޔަފާރިކުރެވޭނެ ފަހި ގޮތްތައް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.