ކުޅިވަރު
އިތުރު ވަގުތު ކާމިޔާބުކުރި ގޯލާއެކު ޔުވެންޓަސްއިން އިންޓަރ ބަލިކޮށްފި

އިންޓަރ އާއި ޔުވެންޓަސްއަށް ކުޅުނު ދެ ބެއިން ވެސް މި މެޗުގައި ގޯލު ކާމިޔާބުކުރި، ފޮޓޯ: ގެޓީ
އިޓާލިއަން ސިރީ އޭގައި ޔުވެންޓަސް އާއި އިންޓަރ މިލާން ބައްދަލުކުރިމެޗުގެ އިތުރު ވަގުތު ކާމިޔާބުކުރި ގޯލަކާއެކު، ޔުވެންޓަސްއިން އިންޓަރ މިލާން ބަލިކޮށް، ޗެމްޕިއަން ނަޕޯލީއާ އެއް ހަމައެއްގައި ހިފަހައްޓައިފިއެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް ލީގުގެ ދެވަނައިގައި އޮތީ ގޯލުގެ ތަފާތުން، ނަޕޯލީއަށް ވުރެ ފައިދާ އެއް ގޯލު މަދުކަމުންނެވެ. ނަޕޯލީއިން ރޭ ފިއޮރެންޓީނާއާ ބައްދަލުކުރި މެޗު ކާމިޔާބުކުރީ 3-1އިންނެވެ. އެހެންކަމުން މި ދެ ޓީމު ކުޅުނު 3 މެޗުން ވަނީ 9 ޕޮއިންޓު ލިބިފައެވެ.
ޔުވެންޓަސްގެ އެލިއެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ލޮއިޑް ކެލީ ކާމިޔާބުކުރި ގޯލަކުން ޔުވެންޓަސްއެވެ. ނަމަވެސް އޭގެ 16 މިނެޓުފަހުން، ހަކަން ޗަލަނޮލޫގެ ގޯލަކުން އިންޓަރއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެފައި އެއް ޓަޗުން އޭނާ ފޮނުވާލީ ބޯޅަ ވަނީ ގޯލުގެ ދުރު ކަނަށެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ވަނީ އެ ޓީމުގެ ލީޑު އަނބުރާ ހޯދާފައެވެ. އެ ޓީމަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ލިބުނީ ކެނަން ޔިޑީޒް ކާމިޔާބުކުރި ގޯލަކުންނެވެ. މިއީ ވެސް ޕެނަލްޓީ އޭރިއާ ބޭރުން ކާމިޔާބުކުރި ރީތި ގޯލެކެވެ.
އިންޓަރއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ވެސް ޗަލަނޮލޫއެވެ. ޕެނަލްޓީ އޭރިއާގެ ރޮނގު މަތިން ކަހަލަ ގޮތަކަށް އޭނާ ފޮނުވާލި ބޯޅަ ގޮސް ގޯލަށް ވަތްއިރު، ޑިފެންޑަރުން ތެރެއިން ބޯޅަ ދިއުމުން، އިދިކޮޅު ކީޕަރަށް ހުރީ ރަގަޅަށް ހަރަކާތްކުރަން ނޭންގިފައެވެ.
ޗަލަނޮލޫ މެޗުގެ ނަތީޖާ ހަމަހަމަކުރިތާ 11 މިނެޓު ފަހުން އިންޓަރއިން ފުރަތަމަ ފަހަރަށް، މެޗުގައި ލީޑު ނެގިއެވެ. މާކަސް ތުރާމްގެ ގޯލަކުން އިންޓަރއިން ނެގި ލީޑު ކެންސަލްކުރީ، އޭގެ 7 މިނެޓު ފަހުން އޭނާގެ ކޮއްކޮ ކެފްރޭން ތުރާމް ޖުވެންޓަސްއަށް ކާމިޔާބުކޮށްދިން ގޯލަކުންނެވެ.
އަދި މެޗުގެ އިތުރު ވަގުތުގައި އިންޓަރއަށް މެޗު ކާމިޔާބުކޮށްދިނީ، 30 ޔާޑު ދުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް ވައްދާލައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އުމުރުން 19 އަހަރުގެ ވެޒިލިޗް އަޒީޗްއެވެ.
މި ނަތީޖާއާއެކު 2023ވަނަ އަހަރުގެ ލީގު ކާމިޔާބުކުރި އިންޓަރއަށް 3 މެޗުން ލިބިފައި ވަނީ 3 ޕޮއިންޓެވެ.