Ads by Stelco

ޚަބަރު

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޤަތަރަށް ފުރާވަޑައިގެންފި

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޤަތަރަށް ފުރާވަޑައިގެންފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ސެޕްޓެމްބަރު 2025، 10:18

14 ސެޕްޓެމްބަރު 2025، 10:18

ފަލަސްޠީނުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ޤަތަރަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން ބާއްވާ ޢަރަބި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ޤަތަރުގެ ދެރިޔާސީ ބަނދަރަށް ފުރާވަޑައިގެންފިއެވެ. މި ބައްދަލުވުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކާތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރުމަށް ޤަތަރުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޔަހޫދީން ޤަތަރަށް ދިން ޙަމަލާތަކާއި، ފަލަސްޠީނުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭގޮތުން ފުންކޮށް މަޝްވަރާކޮށް، ގުޅިގެން ކުރިއަށްދާނެ ގޮތްތަކާމެދު މަޝްވަރާކުރުމެވެ. މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޤަތަރަށް ޔަހޫދީން ދިން ޙަމަލާތަކާއި ފަލަސްޠީނުގައި ޔަހޫދީން ހިންގާ ޖަރީމާތަކުގެ އިތުރުން ސަރަހައްދީ ހަމަޖެހުމަށް އޮތް ހުރަސްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވޭނެކަމަށެވެ.

ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ޤަތަރާއި ފަލަސްޠީނުގެ ރައްޔިތުންނާއެކުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ބައިވެރިވާނެކަމަށް ވެސް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.



ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިދިޔަ މަހު "ގްރޭޓަރ އިޒްރޭލް" ގެ ނަމުގައި ޢަރަބި އިސްލާމީ ޤައުމުތަކުން ބައެއް ހިފުމަށް ރޭވިފައިވާ ޕްލޭންތަކެއް ހާމަކުރައްވާފައެވެ. މި ޕްލޭންގައި ފަލަސްޠީނުގެ ޣައްޒާގެ އިތުރުން ލެބަނޮން، ސީރިއާ، މިޞްރު އަދި ޖޯޑަންގެ ބައެއް ސަރަޙައްދުތައް ހިމެނޭކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ. މި ޕްލޭންގައި ޤަތަރު ސީދާ ނުހިމެނުނަސް، ޔަހޫދީން ވަނީ ޤަތަރަށް ޙަމަލާދީފައެވެ. އަދި މިފަހުން ޢީރާނަށް ވެސް ޔަހޫދީން ޙަމަލާދީފައިވެއެވެ.

ޔަހޫދީން ދަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. މި ޙަމަލާތަކުގައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، ޔަހޫދީންގެ މި ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، މުޅި ދުނިޔެއިން ދަނީ ޣައްޒާގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން