Ads by Stelco

ޚަބަރު

މިދިޔަ ސަރުކާރުގައި މެދުކެނޑިފައި އޮތުމަށްފަހު، ހ.އ. އަތޮޅު މަދުރަސާގައި އޭލެވެލްއަށް ކިޔަވައިދޭން ފަށައިފި

މިދިޔަ ސަރުކާރުގައި މެދުކެނޑިފައި އޮތުމަށްފަހު، ހ.އ. އަތޮޅު މަދުރަސާގައި އޭލެވެލްއަށް ކިޔަވައިދޭން ފަށައިފި

މިދިޔަ ސަރުކާރުގައި މެދުކެނޑިފައި އޮތުމަށްފަހު، ހ.އ. އަތޮޅު މަދުރަސާގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުން.

farudhun logo

ފަރުދުން

14 ސެޕްޓެމްބަރު 2025، 03:13

14 ސެޕްޓެމްބަރު 2025، 03:13

މިދިޔަ ސަރުކާރުގައި ހ.އ. އަތޮޅު މަދުރަސާގައި މަތީ ޘާނަވީއަށް ކިޔަވައިދިނުން މެދުކަނޑާލައިފައި އޮތުމަށްފަހު، އެ މަދަރުސާއިން އެ ފުރުޞަތު އަލުން ދަރިވަރުންނަށް ހުޅުވާލައިފިއެވެ. މި ނިންމުމަކީ، މަތީ ޘާނަވީ ދަރަޖައަށް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކަނޑައެޅިގެންދިޔަ ނިންމުމެކެވެ.

ހ.އ. ހޯރަފުށީގައި ހުންނަ ތިލަދުންމަތީ އުތުރުބުރީ އަތޮޅު މަދުރަސާއަކީ އެ އަތޮޅުގައި ދެވަނައަށް އެންމެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދާ މަދުރަސާއެވެ. އެ މަދުރަސާގައި ކުރިން އޭ ލެވެލްއަށް ކިޔަވައިދެމުން އައި ނަމަވެސް، އޭލެވެލްއަށް ކިޔަވާ ދަރިވަރުން މަދު ކަމަށް ފެނިގެން، މިދިޔަ ވެރިކަމުގައި އެ ކަން ހުއްޓާލިއެވެ.

ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު ޢަލީ މޫސާ ވިދާޅުވި ގޮތުގައި، އަތޮޅު މަދުރަސާގައި އޭ ލެވެލްއަށް ކިޔަވައިދިނުމަކީ ހޯރަފުށީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. ޚާއްޞަ ގޮތެއްގައި ބެލެނިވެރިން މި ކަމަށް ތަކުރާރުކޮށް އެދެމުންދިޔަ ކަން ޢަލީ ފާހަގަކުރެއްވިއެވެ. ނަމަވެސް، ދަރިވަރުންގެ ޢަދަދު މަދުކަމަށް ބުނެ، ކުރީ ސަރުކާރުގައި އެ މަދުރަަސާގައި އޭ ލެވެލްއަށް ކިޔަވައިދިނުން ހުއްޓައިލީ ކަމަށް ވެސް އެމަނިކުފާނު މަޢުލޫމާތު ދެއްވިއެވެ.

"އޭ ލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ގިނަ ދަރިވަރުންނަށް ހޯދައިދިނުމަކީ ރައީސްގެ ނިންމެވުމެއް. އެއީ ވަރަށް މުހިއްމު ނިންމެވުމެއް. އެ ނިންމެވުމުގެ ދަށުން މިހާރު ހ.އ. އަތޮޅު މަދުރަސާގައި މި އަހަަރު އޭލެވެލްއަށް ކިޔަވައިދޭން މި ފަށަނީ. މި ބެޗުގައި އަށް ދަރިވަރުން ކިޔަވާނެ. މިއީ އެ ކުދީންނަށް ރަށުގައި މައިންބަފައިން ގާތުގައި ތިބެގެން ކިޔަވަން ލިބުނު ރަނުގެ ފުރުޞަތެއް." އެމް.ޕީ. ޢަލީ މޫސާ ވިދާޅުވިއެވެ.

އަތޮޅު މަދުރަސާގައި އޭ ލެވެލްއަށް ކިޔަވައިދޭން އަލުން ފެށުމަށް މަގުފަހިކޮށްދިނުމުގެ މަސައްކަތް ކުރެއްވި ހުރިހައި ބޭފުޅުންނަށް އެމް.ޕީ. ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، އެ މަދުރަސާގެ ވެރީންނާއި، ތަޢުލީމީ ވަޒީރާއި، އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަަށް މެންބަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަތީ ޘާނަވީ ނުވަތަ އޭލެވެލްއަށް ކިޔަވައިދޭ މަދަރުސާތައް އިތުރުކޮށް، އޭ ލެވެލް ފުރިހަމަކުރާ ދަރިވަރުންގެ ޢަދަދު އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަމެކެވެ. މިއަދު އޭލެވެލް ކިޔަވާ ދަރިވަރުންގެ އައު ބެޗެއް މަދަރުސާގެ މައިދާނަށް ނުކުމެފައިވާ އިރު، މިދިޔަ އަހަރު އޭލެވެލްއަށް ކިޔެވި ދަރިވަރުންނަށް ވުރެ މިއަހަރު ކުރިމަތިލި ދަރިވަރުންގެ ޢަދަދު 17% އިތުރު ކަމަށް، ތަޢުލީމާ ބެހޭ ވަޒީރު އިސްމާޢިލް ޝަފީޢު ވަނީ ހާމަކުރައްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން