ޚަބަރު
ރައްޔިތުންގެ ޝަކުވާ ހުށަހެޅުމަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު ހުޅުވައިފި
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީ.ސީ.ބީ) ގެ ދަށުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ޒިޔާރަތްކުރެވޭނެ ދެ ލައުންޖު މާލެއާއި ހުޅުމާލޭ ފޭސް 1 ގައި ހުޅުވައިފިއެވެ.
ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށްޓަކައި ފަސޭހައިން ޒިޔާރަތްކުރެވޭގޮތަށް ހުޅުވި ސީ.ސީ.ބީގެ މާލެ ލައުންޖް ހުންނާނީ ހުޅުމާލެ ފެރީ ޓާރމިނަލްގައެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ލައުންޖު ހުންނާނީ އުމަރު ޒާހިރު ބިލްޑިންގެ ތިރީ ފަންގިފިލާގައެވެ.
މި ލައުންޖުތަކުގެ ޚިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ލިބޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި ހުޅުމާލެ ފޭސް 2 ގައިވެސް ސީ.ސީ.ބީގެ ލައުންޖެއް ހުޅުވޭނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސީ.ސީ.ބީ އުފެއްދެވީ މި އަހަރުގެ އެޕްރީލް 16 ވީ ބުރާސްފަތި ދުވަހުއެވެ. މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެކެވެ.
ސީ.ސީ.ބީގެ ދަށުން މިހާރު ވަނީ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަކުރެވިގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ވެބް ޕޯޓަލެއް އިފްތިތާޙުކުރައްވައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ޤާއިމުކުރައްވާފައެވެ. ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.