ޚަބަރު
ކޮޕް29 ގެ ދަށުން ރާއްޖެއަށް ހިލޭ އެހީ ލިބިއްޖެ
ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
ކޮޕް 29 ގެ ދަށުން ރާއްޖެއަށް ހިލޭ އެހީ ލިބިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މައުލޫމާތު ދިންގޮތުގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ހަކަތައާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކުގެ އިތުރުން ގެދޮރުވެރިކަމުގެ ދާއިރާއަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން، ކޮޕް29 ގެ ރިޔާސަތާއި ކޮމަންވެލްތު ފަންޑު ފޮރ ސިޑްސް ގުޅިގެން ދޭ ހާއްސަ ހިލޭ އެހީއަކަށް ރާއްޖެ ވަނީ ހޮވިފައެވެ. އަދި މިކަން ރަސްމީކޮސް އިއުލާނުކޮށްފައިވަނީ ތިމާވެށީގެ ބައިނަލްއަގްވާމީ ސަމިޓުގެ ހަވާސާގައި ކުރިއަށްގެންދިޔަ މޮބިލައިޒިން ގްރީން އެންޑް ބްލޫ އިންވެސްޓްމަންޓް ފޯ ސިޑްސް ބައްދަލުވުމުގައި ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި ހިލޭ އެހީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރަށްރަށުގައި މޫސުމީ ބަދަލުތަކަށް ފެތޭނޭހެން ޔުޓިލިޓީ ހިދުމަތްތައް ތަރައްގީކުރުން ކަމަށާއި ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އަމްޖަދު އަލިއަޅުއްވާލައްވާފައިވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދައުލަތުގެ އަދި އަމިއްލަ ފަރާތްތަކުގެ މާލީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށް ވެސް އެ ވުޒާރާ އިން ބުނެފައިވެއެވެ.