ޚަބަރު
ރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު ސިޔާސީ މަޝްވަރާތައް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން. ފޮޓޯ: ޙާރިޖީ ވުޒާރާ
ދިވެހި ސަރުކާރާއި ފަރަންސޭސިވިލާތު ސަރުކާރާ ދެމެދު "ލެޓަރ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި ސޮއިކޮށްފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމެވެ. ފަރަންސޭސިވިލާތު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ ރެމީ ލެމްބާރޓެވެ.
މި ލެޓަރ އޮފް އިންޓެންޓް ގައި ސޮއިކުރުމުގެ ސަބަބުން ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
މީގެއިތުރުން، މި އެއްބަސްވުމުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ރަމްޒުކޮށްދެއެވެ.
މި ލެޓަރ އޮފް އިންޓެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ދިވެހިރާއްޖެ އާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގައި ދެޤައުމުން ދެކޭ ގޮތް އެއްގޮތްކަން ފާހަގަކުރައްވާފައެވެ. އަދި ފަލަސްޠީނާއި ބެހޭ ކަންކަމުގައި ފަރަންސޭސިވިލާތުން ކުރާ މަސައްކަތް ބަލައިގަންނަކަން ވަޒީރު އިރުތިޝާމް ފާހަގަކުރައްވާފައިވެއެވެ.