ޚަބަރު
ބިންވެރިޔާ ސްކީމްގެ ގުރުއަތުނެގުން ފެށިއްޖެ - ހިޔާވެހި ޕޯޓަލުން ވަގުތުން އަޕްޑޭޓްތައް ފެންނާނެ
ބިންވެރިޔާ ސްކީމްގެ ގުރުއަތުނެގުން ފޮޓޯ: ފަރުދުން
ހުލާސާ
މި ގުރުއަތުނެގުމުގެ އަދާހަމަ މަޢުލޫމާތު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ވަގުތުން ފެންނަން ހުންނާނެކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ހެނދުނު 9:00 ގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި "ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުނެގުން ފަށައިފިއެވެ. މި ގުރުއަތުނެގުމުގެ އަދާހަމަ މަޢުލޫމާތު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ވަގުތުން ފެންނަން ހުންނާނެކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ހައުސިންގ މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ގޯތި ލިބިފައިވާ ކޮންމެ ފަރާތަކަށްވެސް ގުރުއަތުނެގުން ކުރިއަށްދާ ތަނަށް ހާޒިރުވެ ބެލުމުގެ ފުރުޞަތު ދެވިފައިވެއެވެ. ގޯތި ދޫކުރާ ހަތް ކެޓަގަރީގެ ގޯތިތައް އަކަފޫޓުގެ ތަރުތީބުން ވަކިވަކި ފޮށިތަކުގައި ބަހައްޓާފައި ހުންނާނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
ގުރުއަތުނެގުމުގެ މަރުހަލާ ހިނގާނެ ގޮތާ ބެހޭގޮތުން މިނިސްޓްރީން ތަފްޞީލު ދީފައިވެއެވެ. ގުރު ކަރުދާސްކޮޅު ނެގުމަށްފަހު، އޭގައިވާ ބާކޯޑް ސްކޭން ކުރެވޭނެއެވެ. މި ސްކޭނާއެކު، އެތަނުގައި ބެހެއްޓިފައިވާ ސްކްރީނުން ފޯމުގެ މަޢުލޫމާތާއި ލިބިފައިވާ ބިމުގެ ތަފްޞީލު ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، ގޯތި ލިބޭ ފަރާތަށް ވަގުތުން އެސްއެމްއެސްއަކުން އަދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ގުރުއަތުން ހޮވިފައިވާ ބިމުގެ ތަފްޞީލު ލިބޭނެކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި ގުރުއަތުނެގުމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ގުޅީފަޅު ތަރައްޤީކޮށް، އެތަނުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސްކީމްގެ މައިގަނޑު މަޤްޞަދެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ، ހިޔާވެހި ޕޯރޓަލް މެދުވެރިކޮށް ވަގުތުން ގުރުނެގުމުގެ އަދާހަމަތައް ފެނިގެންދާނެ.https://t.co/nZ6NxmnA6F
— Ministry of Housing, Land and Urban Development (@MHLUDmv) October 29, 2024