ޚަބަރު
2026 ވަނަ އަހަރު އައި.އޯ.ޓީ.ސީގެ 30 ވަނަ ކޮމިޝަން ބައްދަލުވުން ރާއްޖޭގައި ބާއްވަން މަޝްވަރާކޮށްފި
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، އާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ ސެކްރެޓޭރިއެޓާ ދެމެދު ބޭއްވުނު ބައްދަލުވުން ފޮޓޯ: މަސްވެރިކަމާބެހޭ ވުޒާރާ
ހުލާސާ
މި ބައްދަލުވުން ރާއްޖޭގައި ބޭއްވިއްޖެނަމަ، އެއީ އައި.އޯ.ޓީ.ސީގެ ކޮމިޝަން ބައްދަލުވުމެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރު ކަމުގައިވާނެއެވެ.
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، އާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ ސެކްރެޓޭރިއެޓާ ދެމެދު ބައްދަލުވުމެއް ބޭއްވިއްޖެއެވެ. މި ބައްދަލުވުމުގައި 2026 ވަނަ އަހަރު އައި.އޯ.ޓީ.ސީގެ 30 ވަނަ ކޮމިޝަން ބައްދަލުވުން ރާއްޖޭގައި ބޭއްވުމާ ގުޅޭ ލޮޖިސްޓިކްސްގެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުން ރާއްޖޭގައި ބޭއްވިއްޖެނަމަ، އެއީ އައި.އޯ.ޓީ.ސީގެ ކޮމިޝަން ބައްދަލުވުމެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރު ކަމުގައިވާނެއެވެ. އައި.އޯ.ޓީ.ސީ އަކީ ހިންދު ކަނޑުގެ ސަރަޙައްދުގައި ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ސަރަޙައްދީ ޖަމްޢިއްޔާއެވެ.
މިހާރު އައި.އޯ.ޓީ.ސީގައި ހިމެނޭ 30 މެންބަރު ޤައުމުތަކުން އަހަރަކު އެއްފަހަރު ބައްދަލުވެ، ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޤަރާރުތައް ފާސްކުރެއެވެ. މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމުން، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކެމެކެވެ.
މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އިތުރު ބާރަކާއި ނުފޫޒެއް ލިބިގެންދާނެއެވެ.
2026 ވަނަ އަހަރު މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށްޓަކައި ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.