Ads by Stelco

ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރާ ގޮތަށް މީޑިއާ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ކޮމެޓީން ބިލު ފާސްކޮށްފި

ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރާ ގޮތަށް މީޑިއާ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ކޮމެޓީން ބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ދިރާސާކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ސެޕްޓެމްބަރު 2025، 06:30

15 ސެޕްޓެމްބަރު 2025، 06:30

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލުގައި ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލު ލިބޭގޮތަށް ގިނަ އިސްލާހުތަކެއް ގެނައުމަށްފަހު، މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އިއްތިފާގުން އެ ބިލު ފާސްކޮށްފިއެވެ. ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް މެންބަރަކު ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓު ނުދެއްވުމުން، މި ބިލު ވަނީ އިއްތިފާގުން ފާސްވެފައެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ދިރާސާކުރި މި ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނައީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިންނެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވެސް އިސްލާހުތަކެއް ހުށަހެޅުއްވި ނަމަވެސް، އެ އިސްލާހުތައް ކޮމެޓީން ފާސްވެފައިނުވެއެވެ.

ޝަރީފް ހުށަހެޅުއްވި މުހިންމު އިސްލާހުތަކުގެ ތެރޭގައި، މީޑިއާ ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުތައް ހިމެނެއެވެ. މީގެ އިތުރުން، ބިލުގެ 18 ވަނަ މާއްދާގައި ކޮމިޝަނުގެ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށް ވަނީ އިސްލާހު ގެނެސްފައެވެ.

ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށް ވެސް ވަނީ އިސްލާހު ގެނެސްފައެވެ.

އަދި، ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކޮށް، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ)) އުނިކުރުމަށްވެސް ކޮމެޓީ މަރުހަލާގައި ވަނީ އިސްލާހު ގެނެސްފައެވެ. މި އިސްލާހުތަކުގެ ސަބަބުން ނޫސްވެރިންނަށް ކުރިމަތިވެދާނެ ބިރުވެރިކަން ކުޑަވެ، މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އިތުރަށް ހުޅުވިގެންދާނެއެވެ.

މި ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމުގެ އިތުރުން ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުނު ބިލެކެވެ.

މީޑިއާތައް ވާން ޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓް ކުރެވޭނެ ބަޔަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކި މަންސަތަކުގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި މީޑިއާތައް ހިމެނެއެވެ. އެ ބައްދަލުކުރެއްވުމުގައި މީޑިއާތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް އެމަނިކުފާނު ވަނީ މަސައްކަތްވެސް ފައްޓަވާފައެވެ. އެގޮތުން، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ވަކި އިންސައްތައެއް ކަނޑައެޅުމަށްވެސް މިހާރު ވަނީ ފާސްކޮށްފައެވެ. އަދި މީޑިއާތަކަށް ހުރި ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް މީޑިއާ ވިލެޖެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން