ކުޅިވަރު
ޗެމްޕިއަންސް ލީގު: އިތުރު ވަގުތު ކާމިޔާބުކުރި ގޯލުތަކުން ޔުވެންޓަސްއަށް ޕޮއިންޓަކުން ފަރުޖައްސާލަން ޖެހިއްޖެ

އިތުރު ވަގުތުގައި ޑުޒާން ލަހޮވިޗް ކާމިޔާބުކުރި ގޯލަށްފަހު އުފާފާޅުކުރަނީ---
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް-ފޭސްގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައި، ޔުވެންޓަސްއިން އިތުރު ވަގުތު ކާމިޔާބުކުރި ދެ ގޯލުން 4-4އިން މެޗު އެއްވަރުވެ، ޔުވެންޓަސްއަށް އަމިއްލަ ދަނޑުގައި ޕޮއިންޓަކުން ފަރުޖައްސާލަން ޖެހިއްޖެއެވެ.
ފަހު ހާފުގައި 8 ގޯލު ފެނުނު މި މެޗުގައި ޔުވެންޓަސްއިން ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ 6ވަނަ މިނެޓުގައި، އެ ޓީމުގެ އެންމެ ފަހަތަށް ކުޅޭ އިނގިރޭސި ކުޅުންތެރިޔާ، ލޮއިޑް ކެލީ ކާމިޔާބުކުރި ގޯލަކުންނެވެ. ނިމުނު "ސަމަރ ޓްރާންފަރ ވިންޑޯ"ގައި ނިއުކާސްލް ޔުނައިޓެޑުން ޔުވެންޓަސްއަށް ބަދަލުވި ކެލީ ވަނީ މީގެ ތިން ދުވަސްކުރިން އިންޓަރ މިލާންއާ ދެކޮޅަށް ކުޅުނު ލީގު މެޗުގައި ވެސް ގޯލެއް ކާމިޔާބުކޮށްފައެވެ. ޔުވެންޓަސްއިން އެ މެޗުގައި އިންޓަރ މިލާން ބަލިކުރީ ވެސް އިތުރު ވަގުތު ކާމިޔާބުކުރި ގޯލަކުންނެވެ.
މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ޑޯޓްމަންޑުން ފުރަތަމަ ފަހަރަށް ލީޑުނެގީ 51ވަނަ މިނެޓުގައި ކަރީމް އަޑެޔޭމީއެވެ. އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ޔުވެންޓަސް ވަނީ ފަހަތުން އަރާ ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން އެ ޓީމުން ފުރަތަމަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ 63ވަނަ މިނެޓުގައި ކެނަން ޔިޑީޒްގެ ގޯލަކުންނެވެ.
އޭގެ ދެ މިނެޓު ފަހުން ޑޯޓްމަންޑްގެ މެދުތެރެއަށް ކުޅޭ ފެލިކްސް މެޝާގެ ގޯލަކުން މެޗުގައި ދެވަނަ ފަހަރަށް ޑޯޓުމަންޑުން ލީޑު ނަގާފައި ވަނިކޮށް، ޔުވެންޓަސް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ، ޑޯޓުމަންޓުގެ ލީޑަށް ތިން މިނެޓު ހަމަނުވަނީހެވެ. ޔުވެންޓަސްގެ މި ގޯލު ކާމިޔާބުކުރީ ޑުޒާން ލަހޮވިޗްއެވެ.
މެޗުގައި ތިންވަނަ ފަހަރަށް ޑޯޓުމަންޑުން ލީޑު ނެގީ 74ވަނަ މިނެޓުގައި އެ ޓީމުގެ ފަހަތަށް ކުޅޭ ޔަން ކޯޓޯގެ ގޯލަކުންނެވެ. އެއަށްފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށް 4 މިނެޓަށްވެފައި ވަނިކޮށް، ޑޯޓުމަންޑަށް ލިބުނު ޕެނަލްޓީއަކުން ރަމީ ބެންސެބީނީ ލީޑު ފުޅާކޮށްދިނެވެ.
ނަމަވެސް އިތުރު ވަގުތުގެ 4ވަނަ މިނެޓާއި 6ވަނަ މިނެޓުގައި ލަހޮވިޗް މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލާއި، އޭނާ ކެލީއަށް އެސިސްޓުކޮށްދިން ގޯލަކާއެކު މެޗު ނިމުނީ އެއްވަރު ވެގެނެވެ.
މިއީ ޗެމްޕިއަންސް ލީގު މެޗެއްގައި 8 ގޯލު ނުވަތަ އެއަށްވުރެ ގިނަ ގޯލު ފެނުނު ދެވަނަ މެޗެވެ. މިއަށް ވުރެ ގިނަ ގޯލު ފެނިގެން ދިޔަ ހަމައެކަނި މެޗަކީ މިދިޔަ ސީޒަންގައި ބެޔާން މިޔުނިކާއި ޑައިނަމޯ ޒަގްރެބް ބައްދަލުކުރި މެޗެވެ. އެ މެޗު ބެޔާންއިން ކާމިޔާބުކުރީ 9-2އިންނެވެ.
މުބާރާތުގައި ޔުވެންޓަސްގެ ދެވަނަ މެޗު އޮންނާނީ 2 އޮކްޓޫބަރުގައި ވިޔަރިއާލްއާ ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހު ޑޯޓުމަންޑުން ނިކުންނާނީ އެތުލެޓިކް ކްލަބްއާ ދެކޮޅަށެވެ.