ކުޅިވަރު
ކޭންގެ ދެ ގޯލުން، ދެ އަހަރު ފަހުން އެނބުރި އައި ޗެލްސީގެ އުއްމީދުތަކަށް ހިޔަނި އެޅިއްޖެ

ހެރީ ކޭން ވަނީ މި ސީޒަންގައި ކުޅުނު 6 މެޗުން 10 ގޯލު ކާމިޔާބުކޮށްފައި---
ޗެމްޕިއަންސް ލީގުގައި ބެޔާން މިއުނިކާއި ޗެލްސީ ބައްދަލުކުރި މެޗުގައި، ބެޔާންގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން ކާމިޔާބުކުރި ދެ ގޯލާއެކު 3-1އިން ބެޔާން މޮޅުވުމުން، ދެ އަހަރަށް ފަހު މި މުބާރާތަށް އެނބުރި އައި ޗެލްސީގެ އުއްމީދުތަކަށް ހިޔަނި އެޅިއްޖެއެވެ.
ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު، ލީގުގައި ވެސް މިހާތަނަށް ބަލިވެފައި ނުވާ ޗެލްސީއިން ޔޫރަޕްގައި އެ ޓީމުގެ މަޤާމު ދިފާއުކުރުމަށް ރޭ ނުކުޅެދުނީ، ފަހަތުން ހެދުނު ގޯސްތަކުގެ ސަބަބުން ވެސް މެއެވެ.
އެ ޓީމުގެ ފުރަތަމަ ގޯލު ބައިކޮޅަށް ވަތްއިރު، ކޭންގެ ދެވަނަ ގޯލަކީ މަލޯ ގުސްޓޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބު ކުރި ގޯލެކެވެ.
މެޗުގައި ބެޔާންއިން ލިޑު ނެގީ ޗެލްސީގެ ގޯލް ކުރިމައްޗަށް 20ވަނަ މިނެޓުގައި މައިކަލް އޮލީސޭ ހުރަސްކޮށްލި ބޯޅައެއް، ޓްރެވޯ ޗަލޮބާގެ ގައިގަ ޖެހިފައި ބައިކޮޅަށް ވަތް ގޯލުންނެވެ. އަދި. އޭގެ 7 މިނެޓު ފަހުން މޮއިސަސް ކައިސީޑޯ އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޭންއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު ކޭންވަނީ ބެޔާންއަށް ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް އޭގެ ދެ މިނެޓު ފަހުން، ޗެލްސީއަށް ކުޅުނު 100ވަނަ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޯލް ޕާމާ، އުމުރުން 39 އަހަރުގެ، މެނުއެލް ނޯޔާ ބަލަހައްޓަމުން ދިޔަ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި ބެޔާންގެ ލީޑު ހަނިކުރިއެވެ.
މެޗުގެ ފަހު ވަގުތު ޕާމާ ވަނީ ޗެލްސީއަށް ދެވަނަ ގޯލެއް ވެސް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ރެފްރީ އެ ގޯލު ނުގުނަން ނިންމީ، ޕާމާ އޮފްސައިޑުގައި ހުރުމުންނެވެ.
މި މެޗުގައި ދެ ގޯލު ކާމިޔާބުކުރި ކޭން ވަނީ މިހާތަނަށް މި ސީޒަންގައި ކުޅުނު 6 މެޗުން 10 ގޯލު ކާމިޔާބުކޮށްފައެވެ. މިއާއެކު، މިދިޔަ ސީޒަންގައި ބެޔާންއަށް ބަދަލުވި ފަހުން ކޭން ކުޅުނު 102 މެޗުން އޭނާ މިވަނީ ޖުމްލަ 95 ގޯލު ކާމިޔާބުކޮށްފައެވެ.