Ads by Stelco

ޚަބަރު

އަސާސީ ކާބޯތަކެތީގެ 23 ބާވަތް އަންނަ މަހުގެ 15ގެ ކުރިން އެސްޓީއޯއިން ލިބެން ހުންނާނެ

އަސާސީ ކާބޯތަކެތީގެ 23 ބާވަތް އަންނަ މަހުގެ 15ގެ ކުރިން އެސްޓީއޯއިން ލިބެން ހުންނާނެ

އެސްޓީ ޕީޕަލްސް ޗޮއިސް ފޮޓޯ: ވަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ސެޕްޓެމްބަރު 2025، 03:36

18 ސެޕްޓެމްބަރު 2025، 03:36

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރައްވައި، އެތަކެތި ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޒިންމާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކުރައްވާފައެވެ. އެސްޓީއޯއިން މިއަދު ވިދާޅުވީ، މި ބާވަތްތައް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބާޒާރުގައި ލިބެން ހުންނާނެކަމަށެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ، އަދި މުގު، ބިސް، އަލުވި ހިމެނޭހެން ޖުމްލަ 23 ބާވަތުގެ ކާބޯތަކެތި ގަނޑުކޮށް އެތެރެކޮށް، ހެޔޮއަގުގައި ވިއްކުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

މި ނިންމެވުމުގެ މައިގަނޑު މަޤްޞަދަކީ، އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ދޭތެރެދޭތެރެއިން ބާޒާރުގައި އުފުލިގެންދާ މައްސަލައަށް ހައްލެއް ހޯއްދަވައި ދިނުމެވެ. ބައެއް ފަހަރު މި ބާވަތްތަކުގެ އަގުތައް އަތްނުފޯރާ ފަށަށް މަތިވުމުގެ ސަބަބުން އާންމުން ދަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. މިކަމަށް ރައްޔިތުންނަށް ފައިދާހުރި ގޮތެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަދި މުހިއްމުކަމެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، އެސްޓީއޯއަކީ ހަމައެކަނި ކާޑުގެ ބާވަތްތައް އެތެރެކުރުމަށް އުފައްދާފައިވާ ކުންފުންޏެއް ނޫނެވެ. ބޭހުގެ ވިޔަފާރި އެކަމަށް ޚާއްސަކޮށް އުފެއްދި ކުންފުންޏަކަށް ދޫކޮށްލުމަށްފަހު، އެސްޓީއޯއިން ދެން ބޮޑަށް ފޯކަސްކުރާނީ ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށެވެ.

އެސްޓީއޯއިން ފޯކަސް މިކުރަނީ ކާބޯތަކެތީގެ ވިޔަފާރިކުރުމަށް. އެސްޓީއޯއިން ރާއްޖޭގެ އެކި ރަށްތަކުގައި ބިންތައް ނަގާނެ. ނަގައިގެން ކާބޯތަކެތި އުފައްދަން ފަށާނެ. ޕޯލްޓްރީ ފާމިންގެ ތެރެއަށް އެބޭފުޅުން ވަންނާނެ. ޕޯލްޓްރީ ފާމިންއަށް އިންވެސްޓްކުރައްވާނެ ވަރަށް އަވަހަށް. ސަރުކާރުގެ ނިންމުން މިއީ. އެހެންވީމަ ފުޑް ސެކިއުރިޓީއަށް ފުޅާ ދާއިރާއެއްގައި އެސްޓީއޯއިން ވަންނާނެ. މިއީ ހަމަ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކުރާ ކަންކަން  

ރައީސް


އެސްޓީއޯއިން ވިދާޅުވީ، މިހާރުވެސް މި 23 ބާވަތް ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިހާރުވެސް އެ ކުންފުނިން ދަނީ ސައުތު އެފްރިކާއިން އޮރެންޖް ގެނެސް، ކިލޯއެއް 35 ރުފިޔާ އަށް ވިއްކަމުންނެވެ. އަދި އެންމެ އަވަހަށް ދެން ބާޒާރަށް ނެރޭނީ ޗައިނާ އަދި އިޓަލީއިން ގެނެސްފައިވާ އާފަލު ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއްވައެވެ.


މިގޮތުން، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު މި 23 ބާވަތް އެސްޓީއޯއިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެޔޮ އަގުގައި ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ސަރުކާރުން ކުރައްވާ މުހިއްމު މަސައްކަތެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން