ޚަބަރު
"ވެލާނާ އެއަރޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު" - ވަޒީރު ސަޢީދު

އެއަރޕޯޓުގެ ބިޒްނަސް ލައުންޖް "ކޮވެލި"
"ވެލާނާ އެއަރޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު"ކަމަށް ވިޔަފާރިއާއި އިޤްތިޞާދާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، މުޅި ހޮސްޕިޓާލިޓީ ސިނާޢަތް ހިފަހައްޓާ މައި ތަނބަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޒްނަސް ލައުންޖް "ކޮވެލި" ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢަކީ މުޅި ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ މަޝްރޫޢެއްކަމުން، ސަރުކާރުން އެންމެ އިސްކަންދޭ އެއް މަޝްރޫޢަށް އެ މަޝްރޫޢުގެ މަސައްކަތްތައް ވެފައިވާކަމަށެވެ.
ވީއައިއޭ އެއަރޕޯޓަކީ އިޤްތިޞާދުގެ މައި ސިނާޢަތްތައް ހިފަހައްޓާ މައި ތަނބު. އެހެންކަމުން މިއަށްވުރެ ވަކިން މުހިއްމު އެހެން މަސައްކަތެއް ދިވެހި އިޤްތިޞާދުގައި ކުރަން އޮވެދާނެކަމަށް އަޅުގަނޑުމެން އެކަކުވެސް ޤަބޫލެއް ނުކުރާނެ، ވަޒީރު
ސަޢީދު
އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ، އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، އިންޓަރނޭޝަނަލް އެއަރޕޯޓެއްގައި، ބިޒްނަސް ކްލާހުގެ ފަސިންޖަރުންނަށް ޚާއްސަ ޚިދުމަތްތައް ހުރުމަކީ ކޮންމެހެން މުހިއްމުކަމެއްކަމަށެވެ. އަދި ބިޒްނަސް ލައުންޖާއެކު ވީއައިއޭއަށް ބޮޑުކުރިއެރުމެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޒްނަސް ލައުންޖް، ކޮވެލި ހުޅުވާފައިވަނީ ވީއައިޕީ ފަސިންޖަރުންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް އެތަނުން ލިބޭނެ އިންތިޒާމުތަކާއެކުއެވެ. މިގޮތުން އެއްފަހަރާ 270 ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް މިލައުންޖްގައި ވަނީ ޚިދުމަތްތައް ޤާއިމުކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ މިހާރު ނުނިމި ހުރިހާ މަސައްކަތެއް ނިންމާ، މިއަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި މުޅި އެއަރޕޯޓު ޚިދުމަތަށް ގެނައުމެވެ.