Ads by Stelco

ޚަބަރު

ޤައުމުގެ އެންމެ ބޮޑު ވަޤުފު ޢިމާރާތް ، 'ދާރުއްސަލާމް' އަޅައިދޭނެ ފަރާތެއް ހޯދަނީ

ޤައުމުގެ އެންމެ ބޮޑު ވަޤުފު ޢިމާރާތް ، 'ދާރުއްސަލާމް' އަޅައިދޭނެ ފަރާތެއް ހޯދަނީ

ދާރުއްސަލާމް އަޅަން ނިންމާފައިވަނީ ހުޅުމާލޭގައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ސެޕްޓެމްބަރު 2025، 02:49

19 ސެޕްޓެމްބަރު 2025، 02:49

ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު ވަޤުފު ޢިމާރާތް، "ދާރުއްސަލާމް" އަޅައިދޭނެ ފަރާތެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން، އިމާރާތްކުރުމުގެ އިތުރުން މެއިންޓަނަންސްގެ މަސައްކަތްތައް ވެސް ހިމެނޭނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ކެޓަގަރީގެ ފަރާތްތަކަށެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެ ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މިމަހުގެ 22 ވާ ހޯމަދުވަހުގެ 11:00 ގެ ކުރިން ވުޒާރާއިން ކަނޑައަޅާފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަޤުފު ޢިމާރާތެކެވެ. އެއީ މާލޭގައި ތަރައްޤީކޮށްފައިވާ "ދާރުލް އީމާން" އެވެ. މި ޢިމާރާތުން އަހަރަކު ގާތްގަނޑަކަށް 6 މިލިޔަން ރުފިޔާ ލިބޭކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. ނަމަވެސް، ހުޅުމާލެއާއި މާލޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ވަޤުފު ޢިމާރާތްތަކާއެކު އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ. މި އާމްދަނީ ބޭނުންކުރަނީ އިސްލާމީ ކަންތައްތައް ކުރިއެރުވުމަށާއި ހެޔޮ ކަންތައްތަކަށް ބޭނުންކުރުމަށެވެ.

މާލޭގައި ތަރައްޤީ ކުރާ ވަޤުފު ޢިމާރާތްތަކުގެ އިތުރަށް އަތޮޅުތެރޭގައިވެސް މި ފަދަ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި އަތޮޅު ވަޤުފު މަޝްރޫޢެއްވެސް ވަނީ އިފްތިތާހްކުރެވިފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ޝަޢާއިރުތައް ދިރުވައި، އިޖުތިމާޢީ ތަރައްޤީއަށް އެހީތެރިވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން