ޚަބަރު
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް އައު ޚިޔާލުތަކަކާއެކު ކުރިއަށް ދާންޖެހޭ: ޝިއުރީ
އިބްރާހިމް ޝިއުރީ
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ހާމަކުރައްވައިފިއެވެ.
ޝިއުރީ ވިދާޅުވީ، ދިވެހިރާއްޖެއަކީ ޤުދުރަތީ ރީތިކަމާއި މަންޒަރުތަކަށް މަޝްހޫރު ޤައުމެއްކަމުގައި ވީނަމަވެސް، އިތުރު ދާއިރާތަކަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ތަޢުލީމީ، ޞިއްޙީ، ފިލްމު އަދި ކުޅިވަރުގެ ފަތުރުވެރިކަން ހިމެނެއެވެ.
ވޭތުވެދިޔަ 50 އަހަރު ދުވަހު މިގޮތަށް މަސައްކަތް ކުރެވިފައިވަނީ ރަނގަޅަށް. ނަމަވެސް އެހެން ޤައުމުތަކުން ކުރަމުންދާ ވާދަވެރިކަމާއެކު އަޅުގަނޑުމެން އެބަޖެހޭ އައު ޚިޔާލުތަކަކާއެކު ކުރިއަށް ދާން
ޝިއުރީ ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝިއުރީ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ. މީގެ ތެރޭގައި ތަޢުލީމީ ފަތުރުވެރިކަމާއި، ޞިއްޙީ ފަތުރުވެރިކަމާއި، ފިލްމީ ފަތުރުވެރިކަމާއި އަދި ކުޅިވަރު ފަތުރުވެރިކަން ހިމެނޭ ކަމަށް ޝިއުރީ ފާހަގަކުރެއްވިއެވެ.
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ވާދަވެރިކަން އިތުރުވަމުން އަންނައިރު، އަޅުގަނޑުމެންވެސް އެބަޖެހޭ އައު ގޮތްތަކެއް އީޖާދުކުރަން. އެހެންކަމުން، އަޅުގަނޑުމެން މިހާރު މަސައްކަތް މި ކުރަނީ ތަފާތު ބާވަތްތަކުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ މަގުތައް ތަނަވަސްކުރުމަށް
ޝިއުރީ ވިދާޅުވިއެވެ.
ޝިއުރީ ވިދާޅުވީ، މި އައު އިސްނެގުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ތަފާތު ޝައުޤުވެރިކަން ހުރި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.
މި އައު ވިސްނުމާއެކު، އެމްއެމްޕީއާރުސީއިން ވަނީ 22 އޮކްޓޯބަރ 2024 ގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި "ޓޫރިޒަމް ސިމްޕޯޒިއަމް 2024 ބައި ވިޒިޓް މޯލްޑިވްސް" ބާއްވާފައެވެ. މި ސިމްޕޯޒިއަމް ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިންޑަސްޓްރީގެ އިސްފަރާތްތައް އެއްތަނަކަށް ޖަމާވުމަށް ލިބުނު މުހިންމު މަންސައަކަށެވެ.