ޚަބަރު
މިސް ޔުނިވަރސް 2024 ގައި ދިވެހިރާއްޖެ ބައިވެރިވުން ސަރުކާރުން ކުށްވެރިކޮށް އެކަން ހުއްޓާލުމަށް ގޮވާލައިފި
ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު ފޮޓޯ:ރައީސް އޮފީސް
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ހާމަކުރައްވާފައިވަނީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިސް ޔުނިވަރސް 2024" މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް ދިވެހި ސަރުކާރުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހިންގެ ދީނާއި އަޤީދާ އަދި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތަކުގައި ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ދިވެހިން ޤަބޫލުކުރާ އާންމު އަޚްލާޤީ މިންގަނޑުތަކާއި އުސޫލުތަކާވެސް ޚިލާފު ކަމެއްކަމަށް ވާއިރު، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެހި އަންހެނަކު އެފަދަ ހަރަކާތްތަކަށް ދިއުން ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މި ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުން ދާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް ސަރުކާރުން ގޮވާލައްވާފައިވެއެވެ. އަދި ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެހި އަންހެނަކު ބައިވެރި ކުރުމަކީ ސަރުކާރުން ކުރާނެ ކަމަކަށް ނުވާ އިރު، އެއީ ސަރުކާރުން ކުރުވާ ކަމެއްކަމަށް ދޭހަވާ ގޮތަށް މަޢުލޫމާތު ނުފެތުރުމަށާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރި ނުވުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައިވެއެވެ.
މި ނިންމުމަކީ ދިވެހިރާއްޖޭގެ އިސްލާމީ އަޤީދާއާއި ސަގާފަތް ހިމާޔަތްކުރުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
'މިސް ޔުނިވާސް' މުބާރާތުގައި ދިވެއްސަކު ބައިވެރިވުމާ ގުޅޭ: pic.twitter.com/LOTIf4ntIr
— Ministry of Youth Empowerment, Information and Art (@YouthGovMv) October 30, 2024