ކޮލަމް
ނެތިދިޔުމުގެ ބިރު ހީވެފައިވާ "ސުޕަރ ޓަސްކަރ" އެތް

ސުޕަރ ޓަސްކަރ އެތްތަކެއް. ފޮޓޯ: ފެޑެރީޗޯ ވެރޮނެސީ.
އެފްރިކާ ބައްރުގެ ވާވަލުގައި، އެތުގެ ތެރެއިން ޚާއްޞަ ބާވަތެއް މަދުން ނަމަވެސް އުޅެއެވެ. އެއީ "ސުޕަރ ޓަސްކަރ" އެތެވެ. މިއެތުގެ ނަމުން ވެސް ދޭހަވާ ފަދައިން، މިސޮރުގެ ޚާއްޞިއްޔަތަކީ މިސޮރުގެ ދެހޮނޑު ދެފަރާތުން ފައިބާފައި އެހުންނަ ޢާދަޔާ ޚިލާފަށް ބިޔަ، ބޮޑު ދެދަތެވެ. އެއިން ދަތެއްގެ ބަރުދަނުގައި ގާތްގަނޑަކަށް ފަންސަޔާޅީސް ކިލޯގްރާމް ހުންނައިރު، މިއެތުގެ ދަތް ބިންގަނޑު ތެރެއަށް ހެރިޔަސް، އެއްވެސް ގެއްލުމެއް ނުލިބެއެވެ.
ސާވޯ ޓްރަސްޓް ޖަމްޢިއްޔާއިން ހާމަކުރާ ގޮތުގައި، ދެކުނު ކެންޔާގައި މިބާވަތުގެ އެންމެ ތިރީސް ވަރަކަށް އެތް ނޫނީ މިހާރު ނެތެވެ. ވަރަށް ނާދިރު ޖެނެޓިކް ވޭރިޔޭޝަނެއްގެ ސަބަބުން އެސޮރަށް ލިބިފައިވާ ބޮޑު ދެދަތަކީ، ގިނަ ބަޔަކު އެސޮރު ޝިކާރަކުރަން އެދޭ ސަބަބަކަށް ވަނީ ވެފައެވެ. އެތްދަތަކީ ބޭސްވެރިކަމާއި ގަހަނާހެދުމުގައި ބޭނުންކުރާ އަގުހުރި އެއްޗެއް ކަމުގައި ވާތީއެވެ.
އިޓަލީއަށް ނިސްބަތްވާ ފޮޓޮގްރާޕަރު ފެޑެރީޗޯ ވެރޮނެސީއަކީ މިއެތްތައް ތަޞްވީރުކުރުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ މީހެކެވެ. އޭނާގެ ފޮތް، "ވޯކް ދި އަރޘް" އަކީ ސުޕަރ ޓަސްކަރ އެތަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ފޮތެކެވެ. ސުޕަރ ޓަސްކަރ އެތަކީ "އެފްރިކާގެ ވަލުތެރޭގެ ރޫޙުގެ އެންމެ ފަހުގެ ބަލަދުވެރީން" ކަމުގައި ފެޑެރީޗޯ ޞިފަކުރެއެވެ.
ފެޑެރީޗޯ ކެންޔާއަށް ދިރިއުޅުން ބަދަލުކުރީ ކެންޔާގެ ސުޕަރ ޓަސްކަރ އެތްތައް ތަޞްވީރުކުރުމަށެވެ. އޭނާގެ ގިނަ ތަޞްވީރުތައް ހުންނަނީ ކަޅާއި ހުދުންނެވެ. އޭނާ ސުޕަރ ޓަސްކަރއާ ބެހޭ ގޮތުން އެކުލަވާލި ފޮތުގައި، ކެންޔާގެ އެންމެ މަޝްހޫރު އެތްތަކާ ބައްދަލުކުރި ވާހަކަ ކިޔައިދީފައިވެއެވެ. މިއެތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އެތަކީ 2010ވަނަ އަހަރު އޭނާ ދުށް "ޓިމް" ނަމަކަށް ކިޔާ އެތެވެ. ޓިމްގެ ދެދަތުގެ ދިގުކަމުން، ބިމުގައި ކިރިޔާ ޖެހިލާ ވަރު ކަމަށް ފެޑެރީޗޯ ބުނެއެވެ.

ކްރެއިގްއާއި ޓިމް. މިފަދަ ދެއެތް އެއްކޮށް އެއްފޮޓޯއެއްގައި ތިބުމަކީ ނާދިރު ކަމެއް ކަމަށް ފެޑެރީޗޯ ބުނެއެވެ.
ޓިމް ފެނުމުން އޭނާ ހަނދާންވީ އަޙުމަދު މަތިން ކަމަށް ފެޑެރީޗޯ ކިޔައިދެއެވެ. އަޙުމަދަކީ ކެންޔާގެ މީހުން ވަރަށް ޤަދަރުކުރާ އެތެކެވެ. އެއެތް، 1970ގެ އަހަރުތަކުގައި ދިރިހުރި މޮނިޔުމެންޓެއް ކަމުގައި ކަނޑައެޅުނެވެ. އަދި ކެންޔާގެ އޭރުގެ ރައީސް، އަޙުމަދު ބަލަހައްޓަން ހަށިފާރަވެރީން ޢައްޔަނުކުރެއްވިއެވެ. އަޙުމަދު މަޝްހޫރުވީ އޭނާގެ ބިޔަކަމާއި، ދަތުގެ ދިގުކަމަށެވެ. އަޙުމަދުގެ ކަންކާލު އަދިވެސް ނައިރޯބީގެ ދާރުލްއާޘާރުގައި އެބަހުއްޓެވެ.

އަޙްމަދުގެ ކަންކާލު.
ފެޑެރީޗޯގެ ފޮތަކީ ހަމައެކަނި ތަޞްވީރުތަކެއް ހިމެނޭ އަލްބަމެއް ނޫނެވެ. އެފޮތުގައި އެތުގެ ދިރިއުޅުމުގެ އެކިއެކި ކަންތައްތައް އޭނާ ވަނީ ހިމަނާފައެވެ. "އަހަރެންގެ ފޮތުގެ ޛަރީޢާއިން އަހަރެން ބޭނުންވީ އެތުގެ ޙަޔާތުގެ އެކި ނަޡަރިއްޔާތައް ދައްކުވައިދޭން." ފެޑެރީޗޯ ބުންޏެވެ. "މިޘާލަކަށް: ޓިމްގެ ލޯބީގެ ގުޅުމާއި، ތަޅާފޮޅުމާއި، ޗަކަގަނޑަށް އެރުމާއި، ފެންގަނޑަށް އެރުމާއި، ގަސްގަހާގެހީގެ ގޮފިތަކަށް ފޯރުވުމާއި، އިޖުތިމާޢީ ގުޅުންތައް." ފެޑެރީޗޯ ކިޔައިދިނެވެ.
ފެޑެރީޗޯ ތަޞްވީރުކުރި ހުރިހައި ސުޕަރ ޓަސްކަރ އެތްތަކުގެ ތެރެއިން، އޭނާ އެންމެ ގަޔާވާ ތަޞްވީރަކީ ބަލްގޫޑާގެ ފޮޓޯކަމަށް އޭނާ ބުނެއެވެ. ބަލްގޫޑާއަކީ މިވަޤުތު ދިރިހުރި އެންމެ ބިޔަ ސުޕަރ ޓަސްކަރ ކަމަށް ފެޑެރީޗޯގެ ފޮތުގައި ވެއެވެ. ބަލްގޫޑާއަކީ ވަރަށް މަދުން ނޫނީ ނުފެންނަ އެތަކަށް ވުމުން، އެއެތް ހޯދުމުގައި ފެޑެރީޗޯ އެތައް އަހަރެއް ވޭތުކުރިއެވެ. އެންމެ ފަހުން އޭނާއަށް އެސޮރު ފެނުނީ، 2023ވަނަ އަހަރުގެ އޯގަސްޓު މަހުގައެވެ. އެއީ ފެޑެރީޗޯގެ މުޅި ފޮޓޮގްރަފީގެ ޙަޔާތުގައި ވެސް ފާހަގަކޮށްލެވޭ ހިނދުކޮޅެއް ކަމަށް އޭނާ ޞިފަކުރެއެވެ.

ބަލްގޫޑާގެ ފޮޓޯއެއް.
ފެޑެރީޗޯ އޭނާގެ ތަޞްވީރުތައް ބޭނުންކުރަނީ ވަލުތެރޭގެ ދިރުންތައް ޙިމާޔަތްކުރުމަށެވެ. އެތަޞްވީރުތައް، އެކިއެކި ޖަމްޢިއްޔާތަކަށް އޭނާ ހަދިޔާކުރެއެވެ. ފެޑެރީޗޯ ބުނާ ގޮތުގައި، އޭނާ އެތަކާ ދިމާއަށް ނަޡަރު ހިންގާލަނީ ހަމައެކަނި ޖަނަވާރެއް ކަމުގައި ހިތައިގެން ނޫނެވެ. ނަމަވެސް، އެއިން ކޮންމެ އެތަކީ ވަކި ޝަޚުޞިއްޔަތެއް ކަމުގައި އޭނާ ދެކެއެވެ.
ސުޕަރ ޓަސްކަރ އެތަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތަކަށް ވާއިރު، މިބާވަތް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އެތްދަތުގެ ބޭނުމުގައި މިބާވަތުގެ އެތްތައް ޝިކާރަކުރަމުން ދިޔުމާއި، ތިމާވެށްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، މިސޮރުމެން ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.

ފެޑެރީޗޯ ނަގާފައިވާ ސުޕަރ ޓަސްކް އެތުގެ ތަޞްވީރުތަކެއް.