ޚަބަރު
ކުޑަގިރީގައި ސްކައުޓް ކުދީން 500 ގަސް އިންދައިފި

ކުޑަގިރީގައި ސްކައުޓުގެ ފަރާތުން ގަސް އިންދުމުގެ ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންގޮސްފި. ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ.

ފަރުދުން
25 ސެޕްޓެމްބަރު 2025، 04:30
25 ސެޕްޓެމްބަރު 2025، 04:30
ކުޑަގިރީގައި ބޭއްވި ނެޝަނަލް ޕެޓްރޯލް ކޭމްޕުގައި ސްކައުޓް ކުދީން 500 ގަސް އިންދައިފިއެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢޫގެ ދަށުން ކުރެވުނު މަސައްކަތެކެވެ.
ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކުޑަގިރީގައި މި މަހު 22ވަނަ ދުވަހުން 25ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ ނެޝަނަލް ޕެޓްރޯލް ކޭމްޕުގެ ތެރެއިން، ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން، ގަސް އިންދުމުގެ ޚާއްޞަ ޙަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތުގައި ޖުމުލަ 500 ގަސް އިންދިފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ހާމަކުރެއެވެ.
މި ގަސް އިންދުމުގެ ޙަރަކާތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު"އަށް ދިވެހި ސްކައުޓުންގެ ފަރާތުން ދެވުނު މުހިންމު އެއްބާރުލުމެކެވެ. ކުޑަގިރީގައި ބޭއްވި މި ކޭމްޕުގައި، ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކި ރަށްރަށުން ގިނަ ޢަދަދެއްގެ މަދަރުސާތަކުގެ ސްކައުޓުންނާއި، ސްކައުޓް ލީޑަރުން ބައިވެރިވެ، ގަސް އިންދުމުގެ ޢަމަލީ މަސައްކަތުގައި ޙަރަކާތްތެރިވެފައިވެއެވެ.
މި މަސައްކަތުގެ ސަބަބުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކުރުމަށާއި، ގަސްގަހާގެހި ގިނަކުރުމަށް ސްކައުޓުންގެ ފަރާތުން ދޭ އަހަންމިއްޔަތު ވަނީ ހާމަވެފައެވެ. ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވަނީ، ކުރިމަގުގައި ވެސް މި ފަދަ ތިމާވެށްޓާ ބެހޭ ޙަރަކާތްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. މި ކަމުގެ ސަބަބުން ޒުވާނުންގެ މެދުގައި ތިމާވެށްޓަށް އޮތް ލޯބި އިތުރުވެ، ދިރިއުޅުމުގެ ރަނގަޅު ޢާދަތައް އަށަގަތުމަށް ބާރުއަޅާނެ ކަން ވެސް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.
ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކުޑަގިރީގައި 22-25އަށް ކުރިއަށްގެން ދިޔަ ނެޝަނަލް ޕެޓްރޯލް ކޭމްޕުގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ފަރާތުން ބައިވެރިވެ ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންދެވިފައިވެއެވެ. މި ޙަރަކާތުގައި ރާއްޖޭގެ އެކި އަތޮޅުތަކުގެ… pic.twitter.com/tlaGbR01ci
— Ministry of Tourism and Environment (@MoTmv) September 25, 2025