Ads by Farudhun

ޚަބަރު

އެގާރަ ރަށެއްގެ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އެގާރަ ރަށެއްގެ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އެގާރަ ރަށެއްގެ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

29 އޮކްޓޯބަރު 2026، 05:06

29 އޮކްޓޯބަރު 2026، 05:06

ރާއްޖޭގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހެދުމުގެ ބޮޑު މަޝްރޫޢެއް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ޙަވާލުކޮށްފިއެވެ. ޖުމްލަ 912.15 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ ރަށްރަށުގެ ދަތުރުފަތުރާއި އުމްރާނީ ތަރައްޤީއަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

މި މަޝްރޫޢުގެ ދަށުން ބައެއް ރަށްރަށުގައި ތާރުއަޅައިގެން މަގުހެދުމަށް ހަމަޖެހިފައިވާއިރު، އަނެއްބައި ރަށްރަށުގައި މަގުތައް ހެދުމަށް ހަމަޖެހިފައިވަނީ ސީޓީބީ (ސިމެންތި ޓްރީޓެޑް ބޭސް) އަކާއެކު ވެލި އަޅައިގެންނެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްދާނެ ރަށްތަކާއި ތަފްޞީލުތައް:

  • ރ. އިންނަމާދޫ: 2.60 ކިލޯމީޓަރުގެ 7 މަގެއްގައި ތާރު އެޅުން
  • އއ. ފެރިދޫ: 2.11 ކިލޯމީޓަރުގެ 3 މަގެއްގައި ތާރު އެޅުން
  • ބ. ކެންދޫ: 2.23 ކިލޯމީޓަރުގެ 6 މަގެއްގައި ސީޓީބީ އާއެކު ވެލި އެޅުން
  • އއ. މަތިވެރި: 2.35 ކިލޯމީޓަރުގެ 10 މަގެއްގައި ސީޓީބީ އާއެކު ވެލި އެޅުން
  • ށ. ބިލެތްފަހި: 2.46 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުން
  • ރ. ރަސްގެތީމް: 2.12 ކިލޯމީޓަރުގެ 6 މަގެއްގައި ތާރު އެޅުން
  • ބ. ދަރަވަންދޫ: 2.55 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުން
  • ނ. މަގޫދޫ: 2.11 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުން
  • ފ. ފީއަލި: 2.46 ކިލޯމީޓަރުގެ 10 މަގެއްގައި ތާރު އެޅުން
  • ށ. މާއުނގޫދޫ: 3.25 ކިލޯމީޓަރުގެ 7 މަގެއްގައި ތާރު އެޅުން
  • ކ. ދިއްފުށި: 2.36 ކިލޯމީޓަރުގެ 5 މަގެއްގައި ސީޓީބީ އާއެކު ވެލި އެޅުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އަސާސީ ޚިދުމަތްތަކާއި އުމްރާނީ ވަޞީލަތްތައް ފުރިހަމަކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން، މި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، ރައްޔިތުންނަށް ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450