Ads by Farudhun

ޚަބަރު

ބަޖެޓް 2027: 2040 ގެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެޅޭ ވަރުގަދަ ބިންގަލެއް

ބަޖެޓް 2027: 2040 ގެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެޅޭ ވަރުގަދަ ބިންގަލެއް

މާލީ ވަޒީރު..

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

29 އޮކްޓޯބަރު 2026، 04:42

29 އޮކްޓޯބަރު 2026، 04:42

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59,704,440,795 ގެ ބަޖެޓެއް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ޙަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިއަދު ހުށަހެޅުނު މި ބަޖެޓުގެ އެންމެ އިސް އަމާޒަކީ 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ކުރިއަރާފައިވާ ޤައުމަކަށް ވާޞިލުވުމަށްޓަކައި ތަންފީޒުކުރަންޖެހޭ ސިޔާސަތުތަކުގެ ބިންގާ އެޅުމާއެކު، މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމެވެ.

މި އަމާޒަށް ވާޞިލުވުމަށްޓަކައި، ތަރައްޤީގެ ސާފު މިޞްރާބެއް ކަނޑައަޅައިދޭ 'ޤައުމީ ތަރައްޤީގެ ޕްލޭން' ގެ ދަށުން މަސައްކަތްތައް ތަރުތީބުކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އިޤްތިޞާދު ހަމަޖެހުމަކަށް ގެނެސް، ދައުލަތުގެ ދަރަންޏާއި މާލިއްޔާ ދެމެހެއްޓެނިވި މަގަކަށް ރުޖޫޢަކުރުމުގެ ތެރެއިން، ރައްޔިތުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށާއި އިޤްތިޞާދު ވަރުގަދަކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަކީ މި ތަރައްޤީގެ ޕްލޭންގެ އެއް އަސާސްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭރުގެ މާލީ އެހީތެރިކަން ހޯދުމާއި، ދައުލަތުގެ އިންވެސްޓްމަންޓްތައް ރޭވުމާއި ތަންފީޒުކުރުން ހަރުދަނާކޮށް، ދައުލަތުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ޒިންމާދާރުކަމާއެކު ބޭނުންކުރުން ކަށަވަރުކުރާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ އަރުވާފައެވެ.

ސަރުކާރުން ކަނޑައަޅާފައިވާ 2040 ވަނަ އަހަރުގެ ތަޞައްވުރުގައި ހިމެނެނީ، ޒަމާނީ އިންފްރާސްޓްރަކްޗަރާއި ދަތުރުފަތުރުގެ ނިޒާމް، ޒަމާނީ ޞިއްޙީ ޚިދުމަތާއި ފެންވަރު ރަނގަޅު ތަޢުލީމް، ފުރިހަމަ އިޖުތިމާޢީ ރައްކާތެރިކަމާއި ހަމަހަމަ ފުރުޞަތުތަކެވެ. އަދި ޖުމްލަކޮށް ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ވަށާޖެހޭ ނިޒާމެއް މި ތަސައްވަރުގައި އެކުލެވިގެންވެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ހުރިހާ ކުރިއެރުމެއްވެސް ހޯދާނީ ޤައުމީ ވަންތަކަމާއި، އެއްބައިވަންތަކަމާއި، މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ޙިމާޔަތްކުރެވިފައިވާ މާޙައުލެއްގައެވެ.

ވަޒީރު ވިދާޅުވީ، ރަސްމާލެ ވޯޓަރފްރަންޓް އަދި މެރީނާ ބޭ މަޝްރޫޢަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު، ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ އުންމީދީ ދަތުރުގައި އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ އުފެއްދުންތެރިކަން އާ ހަރުފަތަކަށް ގެންދިއުމުގެ ޤާބިލުކަން ލިބިގެންވާ މި އިންވެސްޓްމަންޓުގެ ސަބަބުން، ދައުލަތުގެ އާމްދަނީ އިތުރުވެ، އިޤްތިޞާދު ޑައިވާސިފައިވެ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. މި މަޝްރޫޢަކީ ދިވެހި ރައްޔިތުންނަށް އާ ފުރުޞަތުތަކެއް ފަހިކޮށްދީ، އަންނަން އޮތް ޖީލުތަކަށް ފާގަތި މުސްތަޤްބަލެއް ބިނާކުރުމަށް މަގުކޮށައިދޭނެ މުހިންމު މަޝްރޫޢެކެވެ.

މިއަދު ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓަކީ، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ވާޞިލުވުމަށްޓަކައި އެޅޭ ބިންގަލެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ބަޖެޓަކީ އިޤްތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން، ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް އެކުލަވައިލާފައިވާ ބަޖެޓެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި އަމާޒަށް ވާޞިލުވުމަށްޓަކައި ދެމެހެއްޓެނިވި މަސައްކަތްތަކެއްކޮށް، ވަށާޖެހޭ ނިންމުންތަކެއް ކޮންމެހެން ބޭނުންތެރިކަމަށާއި، މި ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ބިންގާ ވަރުގަދަވެ، އާންމު ޚިދުމަތްތައް ފުޅާވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުޞަތުތައް އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަދު އަޅުގަނޑުމެން ހޯދާ ކުރިއެރުމަކީ، އަންނަން އޮތް ޖީލުތަކަށް ފާގަތި އަދި ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށް މަގުފަހިކޮށްދޭނެ ކަންކަމަށް ވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450