ކުޅިވަރު
ސިޓީ މޮޅުވެ، އިނގިރޭސި ލީގު ކަޕުގެ ހަތަރުވަނަ ބުރަށް!

މެންޗެސްޓަރ ސިޓީ މޮޅުވެ، އިނގިރޭސި ލީގު ކަޕުގެ ހަތަރުވަނަ ބުރަށް ދިޔުން.

ފަރުދުން
25 ސެޕްޓެމްބަރު 2025، 04:52
25 ސެޕްޓެމްބަރު 2025، 04:52
އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ ހަޑަރސްފީލްޑް ޓައުންއާ ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ، މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަހޯދައިފިއެވެ.
އިނގިރޭސިވިލާތުގެ ލީގު ވަންގެ ކްލަބެއް ކަމުގައިވާ ހަޑަރސްފީލްޑްއާ ދެކޮޅަށް ރަށުން ބޭރުގައި ސިޓީ ކުޅުނު މި މެޗަށް ނުކުތް އިރު، ކޯޗު ގަޑިއޯލާ ވަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ.
އިނގިރޭސި ލީގު ކަޕްގެ އިތުރުން، ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭ އިރު، 18 ދުވަހުގެ ތެރޭގައި ސިޓީން 6 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާތީ، ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ، މި ސީޒަނުގެ އިތުރުން ކުރީ ސީޒަނުގައި ވެސް އެ ކަން ފާހަގަކޮށް، އެ ކަމުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާ ލިބޭ ކަމަށް ވަނީ ބުނެފައެވެ.
ރޭގެ މެޗުގައި މެންޗެސްޓަރ ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވާ އިރު، އެ ޓީމަށް ލީޑު ލިބިފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައި ފިލް ފޯޑެން ކާމިޔާބުކޮށްދިން ލަނޑެއްގެ ސަބަބުންނެވެ. މެޗުގެ 74 ވަނަ މިނެޓުގައި ފޯޑެންގެ އެސިސްޓަކުން ސަވީނިއޯ ވަނީ އިތުރު ލަނޑެއް ޖަހައިދީ، މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.
މި މެޗުގެ ފަހު 7 މިނެޓުގައި ގަޑިއޯލާ ވަނީ ކެލްވިން ފިލިޕްސް ދަނޑަށް އަރުވާފައެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފީފާ ކްލަބް ވޯލްޑް ކަޕްގައި ސިޓީގެ ޖަރޒީގައި އޭނާ މެޗެއް ކުޅުނު ފަހުން އެ ފަދަ މެޗެއް ކުޅުނު ފުރަތަމަ ފަހަރު ކަން ފާހަގަކުރެވެއެވެ.