ކޮލަމް / ސައިންސް
ޕީސީއޯއެސް: ނުފެންނަ ވޭނާއި ޒަޚަމްތަކަކާއެކު ދިރިއުޅުން ކުރިއަށް

ޕީސީއޯއެސް--
ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ނުވަތަ ޕީސީއޯއެސް އަކީ މިއަދު އަންހެން ކަނބަލުންނަށް ވަރަށް ޢާންމުކޮށް ދިމާވާ ހޯމޯންތަކާ ގުޅުންހުރި ބައްޔެކެވެ. މިއީ މިއުފެދޭ ކުދިކުދި ސިސްޓްތަކުގެ ސަބަބުން އޯވަރީގެ މަސައްކަތަށް ބުރޫއެރުވުމުގެ އިތުރުން ހަށިގަނޑުގެ ހޯމޯންތަކުގެ ހަމަޖެހުން ގެއްލުވާލާ ބައްޔެކެވެ. ޕީސީއޯއެސް ޖެހިފައިވާ އަންހެނުންގެ ހަށިގަނޑުގައި ފިރިހެން ހޯމޯން (އެންޑްރޯޖަން) މަތިވެ، މައްސަރުގެ ނިޒާމަށް ބުރޫއަރައެވެ. މިއީ ދެނެގަނެ ފަރުވާ ނުކޮށް ދޫކޮށްލުމުން ޞިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތިކުރުވާ ބައްޔެކެވެ.
ޕީސީއޯއެސް ގެ ސަބަބުން ޖިސްމާނީގޮތުން މީހާއަށް ގިނަ އަސަރުތަކެއް ކުރެއެވެ. އެގޮތުން:
- ބަރުދަން އިތުރުވުން
- މޫނުމަތީގައި ނުވަތަ ހަށިގަނޑުގެ އެހެން ތަންތަނުގައި އިސްތަށިގިނަވުން (ހިރްސޫޓިޒަމް)
- ބިހިތައް (އެކްނޭ) ގިނަވުން
- އާދަޔާ ޚިލާފަށް އިސްތަށި ފޭބުން
- މައްސަރުގެ ޤަވާއިދު ގެއްލުން ނުވަތަ ނުވުން
- ދަރިމައިނުވުން ނުވަތަ ދަރިމައިވުމަށް ދަތިވުން
މީގެ އިތުރުން، ޖިސްމާނީ މި ބަދަލުތަކުގެ އިތުރުން ނަފްސާނީގޮތުންވެސް މީހާއަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. އެގޮތުން، އަމިއްލަ ނަފްސަށް އިތުބާރު ކުޑަވެ، ކުދިކުދި ކަންކަމާ މެދު ވަރަށް އަވަހަށް ކަންބޮޑުވެ (އެންޒައިޓީ) އުފެދެއެވެ. ހަމަ މިއާއެކު، ހިތާމަވެރިކަން އިޙުސާސްކުރެވި ޑިޕްރެޝަންގެ ވޭން ތަހައްމަލުކުރަނެ ޖެހެއެވެ. އަދި ބައެއް ފަހަރު ސޯޝަލް އެންޒައިޓީ ފަދަ ކަންކަންވެސް ކުރިމަތިވެދާނެއެވެ. މިކަންކަމުގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ދަށްވެ، އިޖުތިމާޢީ ގުޅުންތަކަށްވެސް ނޭދެވޭ އަސަރުތައް ކުރެއެވެ.
ޕީސީއޯއެސް ދެނެގަތުމަކީ ބައެއް ފަހަރު ގޮންޖެހުން ބޮޑު ކަމެކެވެ. ޢާންމު ގޮތެއްގައި މި ބަލި ދެނެގަތުމަށް ޑޮކްޓަރުން ހަށިގަނޑު މުރާޖަޢާކުރުމަށްފަހު ލޭގެ ޓެސްޓްތަކެއް ހަދައެވެ. މި ޓެސްޓްތަކުން ހޯމޯންތަކުގެ މިންވަރު (ޚާއްޞަކޮށް ޓެސްޓޮސްޓެރޯން، އެފްއެސްއެޗް، އެލްއެޗް، އިންސުލިން) ބަލައެވެ. މީގެ އިތުރުން، އޯވަރީގައި ސިސްޓް ހުރިތޯ ބެލުމަށް އަލްޓްރާސައުންޑްވެސް ހަދައެވެ. ހަމަ އެއާއެކު، ބަލިމީހާގެ ތާރީޚާއި، މައްސަރުގެ ޤަވާއިދު އަދި ފެންނަން ހުންނަ ޢަލާމާތްތައް ވެސް މި ބަލި ދެނެގަތުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.
ޕީސީއޯއެސް އަކީ ބޭރުފުށަށް ޒަޚަމެއް ފެންނަން ނެތަސް، އެކަމުގައި ހުރި ވޭނާއި ހިތްދަތިކަން ބޮޑު ބައްޔެކެވެ. ޖިސްމާނީ ބަދަލުތައް، ޚާއްޞަކޮށް އިސްތަށިގިނަވުމާއި ބިހި ގިނަވުން ފަދަ ކަންކަމުގެ ސަބަބުން އަންހެން ކަނބަލުންނަށް ނަފްސާނީގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. އަދި ދަރިމައިވުމަށް ދަތިވުމަކީ ބައެއް އަންހެނުންނަށް ވަރަށް ބޮޑަށް ހިތާމަވެރިކަން ގެނުވާ ކަމެކެވެ. މިކަމުގެ ސަބަބުން ބަލިމީހާއަށް އިޖުތިމާޢީ އެއްބާރުލުމާއި، އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ.
ޕީސީއޯއެސްގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށް ގިނައެވެ. ފަރުވާ ނުކޮށް ދޫކޮށްލުމުން، މި ބައްޔަކީ ދެމިހުންނަ ހާލަތަކަށް ވެގެންދެއެވެ. މާޔޫސްވުމުގެ އިތުރުން، ދޭތެރެ ދޭތެރެއިން މައްސަރު ދިމާނުވުމުގެ ސަބަބުން ރަހިމުގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ. އަދި ލޭ މައްޗަށް ދިއުން، ހަކުރުބަލި (ޓައިޕް 2 ޑައިބެޓީސް)، ކޮލެސްޓްރޯލް މަތިވުން، އަދި ނިދީގައި ނޭވާ ހިފެހެއްޓުން (ސްލީޕް އެޕްނިއާ) ފަދަ ޞިއްޙީ އެހެން މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތުވެސް ބޮޑެވެ.
މިކަމުގައި ޞިއްޙީ މާހިރުންގެ ލަފައާއި އިރުޝާދު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ޖިނެކޮލޮޖިސްޓުންނާއި، އެންޑޮކްރިނޮލޮޖިސްޓުންނާއި، އަދި ނިއުޓްރިޝަނިސްޓުންގެ އެހީތެރިކަން ބޭނުންވެދާނެއެވެ. ޕީސީއޯއެސް އަށް ވަކި ފަރުވާއެއް ނެތް ނަމަވެސް، އޭގެ ޢަލާމާތްތައް ކޮންޓްރޯލްކޮށް، ގެއްލުންތައް ކުޑަކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ.
މި ބަލިން ރައްކާތެރިވެ ވޭންތައް ލުއިކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހެޔޮ ކާނާގެ އާދަތައް ހިފެހެއްޓުން، ޤަވާއިދުން ކަސްރަތުކުރުން، ބަރުދަން ކޮންޓްރޯލްކުރުން، އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތައް ގެނައުން ހިމެނެއެވެ. ބަރުދަން ދަށްކުރުމަކީ ހޯމޯންތަކުގެ ހަމަޖެހުން އަލުން ގެނައުމަށް އެހީތެރިވެދޭ މުހިންމު ކަމެކެވެ. މީގެ އިތުރުން، ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ބޭސް ބޭނުންކުރުން، އަދި ނަފްސާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށްޓަކައި ޕްރޮފެޝަނަލް އެހީތެރިކަން ހޯދުންވެސް މުހިންމެވެ.
ޕީސީއޯއެސް އަކީ ދިގު މުއްދަތަށް ފަރުވާ ބޭނުންވާ ބައްޔެކެވެ. އެހެންކަމުން ބަލިމީހާގެ ފަރާތުން މިކަމަށް ކެތްތެރިކަމާއި ޢަލާމާތްތަކަށް ޚާއްޞަ ސަމާލުކަން ދިނުން މުހިންމެވެ.