ކޮލަމް

ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީ ކިހިނެއް؟

ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީ ކިހިނެއް؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ/ފޮޓޯ: ނާޖިހް ދީދީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 އޮކްޓޯބަރު 2025، 02:14

03 އޮކްޓޯބަރު 2025، 02:14

ގިނަ އަހަރުތަކެއް ވަންދެން މާލޭގައި ހުންނަ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީ ކިހިނެއް ކަމާމެދު އެތައް ބަޔަކު މިއަދާ ހަމައަށް ވެސް ސުވާލު އުފައްދައެވެ.

މާލެގޭ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ ކުއްލިއަކަށް ގެއްލުމާއި ގުޅިގެން، އެކަމާމެދު ބަގީޗާއަށް ގޮސްއުޅޭ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ވަނީ ސުވާލު އުފައްދާފައެވެ. އެ ދުވަސްވަރު މިކަމާއި ގުޅިގެން އެކި މީހުންގެ އެކި "ތިއަރީތައް" ޢާންމުވެފައިވެއެވެ. މިއީ 1998 އިން ފެށިގެން 2015 އާ ހަމައަށް، 17 އަހަރު ވަންދެން ދިވެހިރާއްޖޭގައި ގެންގުޅުނު ކިނބުލެއްކަން ފާހަގަކޮށްލެވެއެވެ.

މި ކިނބުލަކީ، 1998 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އަރިއަތޮޅު ތެލުވެލިގަލުގެ ފަޅުތެރެއިން ފެނިގެން ހިފި ކިނބުލެކެވެ. އޭރު 4 ވަރަކަށް ފޫޓު ހުރިކަމަށް ބުނާ މި ކިނބޫ ހިފާފައިވަނީ ޢާންމު ރައްޔިތުންތަކެކެވެ. އެއަށްފަހު، ދިވެހި ސިފައިން މިއާއި ހަވާލުވެފައިވާއިރު، ކިނބޫ ފުރަތަމަ އޮތީ ކ. ދޫނިދޫގައި ސިފައިންގެ ބެލުމުގެ ދަށުގައިކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، ދޫނިދޫގައި ކިނބޫ ބަލަހައްޓަން އުނދަގޫވެގެން ކިނބޫ ބަދަލުކުރީ ކުޑަކުދިންގެ ބަގީޗާއަށެވެ.

ހަލަބޮލިވެފައިވާ މާލޭގެ ކުޑަކުދިންގެ ބަގީޗާގައި މި ކިނބޫ ބާއްވާފައި އޮތީ އެއަށް ޚާއްޞަކޮށް ހަދާފައި ހުންނަ ކޮށްޓެއްގެ ތެރޭގައެވެ. އެގޮތުން، 2015 ވަނަ އަހަރު މި ކިނބޫ 8 ވަރަކަށް ފޫޓަށް ބޮޑޫވެފައިވާއިރު، އޭރުވެސް ކިނބޫ ބަލަހައްޓަމުން އައި ސިފައިންނެވެ. ނަމަވެސް، މި ކިނބޫ ކުއްލިއަކަށް ގެއްލުމާއި ގުޅިގެން އޭތި އެހެން ރައްކާތެރިތަނަކަށް ބަދަލުކޮށްފައިވާކަމަށް ސިފައިން އޭރު ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ދެކެވުނު ބައެއް ވާހަކަތައް:

  • ސިފައިން އިސްވެ ކިނބޫ ރާއްޖެއިން ބޭރަށް ފޮނުވާލިކަމުގެ ވާހަކަތަކެއް
  • ސިފައިން ކިނބޫ މަރާލިކަމަށް ގިނަބަޔަކު ތުހުމަތުކުރުން
  • ބެލެހެއްޓުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ސިފައިން ކިނބޫ ނައްތާލިކަމަށް ބުނުން
  • ކިނބުލަށް ސިހުރެއް ކާންދީފައިކަމަށް ބުނެ ވާހަކަތައް ފެތުރުން
  • ރާއްޖޭގެ މާހައުލާއި ނުގުޅޭ އެއްޗަކަށް ވުމުން ކިނބޫ ނައްތާލުން

ކިނބުލަކީ، ރާއްޖޭގައި މާޙައުލާއި ނުގުޅޭ އެއްޗެއް ކަމަށްބުނެ އެދުވަސްވަރު އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މަގުމައްޗަށް ކިނބޫ ދޫވެއްޖެނަމަ ދެން ކަންތައްވާނެ ގޮތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވާއިރު، ކިނބޫ ނައްތާލުމަށް ބުނެ ކުޑަކުދިންގެ ބަގީޗާ ކައިރީގައި ބައެއް ފަރާތްތަކުން ވަނީ އިޙުތިޖާޖު ވެސް ކޮށްފައެވެ.

މި ކިނބުލަށް ވީ ގޮތަކީ ޢާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަކަށްވާއިރު، މިކަމުގެ ޙަޤީގަތް ރަސްމީކޮށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. މި ކިނބުލަށް ވީ 'ކިހިނެއް' ކަން މި ލިޔުމުން ވެސް ޔަޤީންކަމާއެކު އެނގިގެން ނުދިޔުމުގެ ސަބަބުން ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން