ޚަބަރު
އޮމަދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

އޮމަދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން.

ފަރުދުން
07 އޮކްޓޯބަރު 2025، 05:07
07 އޮކްޓޯބަރު 2025، 05:07
އދ. އޮމަދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި ކަމަށް އޮމަދޫގައި އަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އޮމަދުއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
ޢިމާރާތުގެ ބިންގައު އަޅުއްވައިދެއްވައި، ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. މި ރަސްމިއްޔާތުގައި އެމް.ޓީ.ސީ.ސީ.ގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން، ދާއިރަގެ މެންބަރާއި، ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގަތެވެ.
މި މަސައްކަތް ސަރުކާރުން ޙަވާލުކޮށްފަވަނީ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އާއެވެ.
މި މަޝްރޫޢުގެ ދަށުން 16 އެނދުގެ ޢިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެހެންމެ، މި ޢިމާރާތުގައި ޓްރަޔޭޖް ސަރަޙައްދަކާއި، އައިސޮލޭޝަން ކޮޓަރިއަކާއި، އަންހެނުންގެ ވޯޑަކާއި، ކުޑަކުދީންގެ ވޯޑަކާއި، ވިއްސާ ކޮޓަރިއަކާއި، ޕްރައިވެޓް ކޮޓަރިއެއްގެ އިތުރުން، ފަރުވާދޭ ކޮޓަރިތައް ޢިމާރާތް ކުރާނެއެވެ. މިއީ 27.2 މިލިއަން ރުފިޔާއަށް، 1 އަހަރު ދުވަހުގެ މުއްދަތެއްގައި މަސައްކަތް ނިންމާ ގޮތަށް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވާ މަސައްކަތެކެވެ.
އޮމަދުއަކީ 1200އެއްހައި މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތާ އެކު، ރަށުގައި ތިބެގެން ލިބޭ ޞިއްޙީ ޚިދުމަތްތައް އިތުރުވެ، މިހާރު ލިބެމުންދާ ޞިއްޙީ ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅުވެގެން ދާނެއެވެ.