ޚަބަރު
ޔުމްނުގެ މައްސަލައިގެ ރިޔާސީ ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒުކުރާނަން: ވަޒީރު ޢަލީ އިޙްސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުގެ ހުށަހެޅުންތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މި މައްސަލައިގައި ފުލުހުން އަމަލުކުރިގޮތް ބެލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރިގޮތާއި، އެ ހާދިސާގައި ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ވަނީ ވަޒީރާ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައި ވަޒީރު ވިދާޅުވީ، އެ މައްސަލައިގައި ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑް ކޮމާންޑްސްގެ ފަތާރުން ތަހުގީގު ކުރިއަށްގެންދާ ކަމަށެވެ.
ވަޒީރު އިޙްސާން ވިދާޅުވިގޮތުގައި، މި މައްސަލައިގައި ފުލުހުން އިހުމާލުވި ކަމަށް ބެލެވޭ މައްސަލަތަކުގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރެވެމުންދެއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ޕްރޮސީޖާތައް ރިވިއުކޮށް، އެސްއޯޕީތަކަށް މުވައްޒަފުން އަހުލުވެރިކުރެވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މައްސަލައިގެ ތަހުގީގަށް އެކުލަވައިލެއްވި ރިޔާސީ ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒު ކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އެ ކޮމިޝަނުން ޖިނާޢީ ތަހުގީގެއް ހިންގަން ޖެހޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއޫދު އަހުމަދުގެ ބަޔާން ނަގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޔުމްނު ވެއްޓުނު ރޭ، އޭނާއާއެކު އިމާރާތުގައި އުޅުނު ރައުދު އަހުމަދާ ބައްދަލުވި އިތުރު ފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ރައީސުލްޖުމްޙޫރިއްޔާ އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތާއި އޭގެ ވަށައިގެން ހިނގައިދިޔަ ކަންކަމުގެ އިތުރުން އެކި ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކަށް ވަނީ ރިއާޔަތްކޮށްފައެވެ. މި ތަހުގީގުގައި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ހ. ފެންޓަނޯއީ ގެއަށް އޭނާ ދިއުމާއި، ވެއްޓުނު ފަހުން ކަން ހިނގައި ދިޔަ ގޮތާއި ފުލުހުން ޢަމަލުކުރި ގޮތާއި ހޮސްޕިޓަލާއި ދައުލަތުގެ އެހެނިހެން އިދާރާތަކުން ޢަމަލުކުރިގޮތް ވަނީ ބަލާފައެވެ.
ރިޕޯޓްގައިވާގޮތުން ހ. ފެންޓޮނޯއީ ގެއަށް ޔުމްނު އަދި މިމައްސަލައިގައި ދެން ޝާމިލްވާ ރައުދު އަހުމަދު ޒިލާލް ގޮސް ވަދެފައިވަނީ އަމިއްލަ އިޙުތިޔާރުގައެވެ. އަދި އެރޭ ކަންކަން ހިނގާފައިވާގޮތުން ޔުމްނު ވައްޓާލީ ކަމަށް ބެލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.