ޚަބަރު
ކޮރަޕްޝަން ހުއްޓުވައި ނަޒާހަތްތެރިކަން އިތުރުކުރަން އިސްވެރިންގެ މާލީ ބަޔާންތައް ހުށައެޅުމަށް މަޖިލީހުން ބާރު އަޅައިފި!

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ ކަމަށް ވިދާޅުވެ އެކަމަށް ބާރުއަޅުއްވާފައެވެ. މިކަން ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ހުށަހެޅުއްވި އޮޑިޓް ޤާނޫނާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒްކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ދެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މެންބަރު މުޙައްމަދު އިބްރާހިމް ހުށަހެޅުއްވި މި ދެ ބިލަށްވެސް ޖުމްލަކޮށް ހުރިހާ މެންބަރުންގެ ތާޢީދު ލިބިފައިވެއެވެ. މެންބަރުން ސިފަކުރެއްވީ މިއީ ރާއްޖޭގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި މުހިންމު އިސްލާހުތަކެއްގެ ގޮތުގައެވެ.
ބިލަށް ބަހުސް ކުރައްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ރާއްޖޭގައި ވައްކަމާއި ކޮރަޕްޝަން ހިންގުމަކީ މިއަދު އެއްވެސް މީހަކު ފަސްނުޖެހޭ ކަމެއް ކަމަށާއި، އެއީ އެ ފަރާތްތަކަށް ދެވޭނެ އަދަބެއް ނެތުމުން ކަމަށެވެ. ދައުލަތުގެ ފައިސާއާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޒިންމާއެއް ކަމަށާއި، ރައްޔިތުންވެސް މިކަމުގައި އިހުމާލުވާ ހިސާބު އޮންނަ ކަން މެންބަރު ޣަފޫރު ފާހަގަކުރެއްވިއެވެ. އެހެންވެ އެންމެން ގުޅިގެން ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކޮރަޕްޝަނުގެ ކަންކަން ހުއްޓުވެންޖެހޭނެ. މިކަންކަން ހުއްޓުވުމުގެ ގާބިލުކަން އެންމެންގެވެސް ހުންނަންޖެހޭނެ. ސަރުކާރުގައިވެސް ހުންނަންޖެހޭނެ، ދައުލަތުގެ މުއައްސަސާތަކުގައިވެސް ހުންނަންޖެހޭނެ، އަދި ރައްޔިތުންގެވެސް އެ ވިސްނުން ހުންނަންޖެހޭ. ކޮރަޕްޝަނާއި ވައްކަމަކީ ހަމައެކަނި ސަރުކާރަކުން ކުރެވޭނެ ކަމެއް ނޫން. މަގާމުތަކުގައި ތިބޭ މީހުން އެކަން ކުރަންޏާ އެކަން ބަލަން ތިބޭ މީހުންވެސް ތިބެނީ އެކަން ކުރަން
މެންބަރު ޣަފޫރު
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވީ، ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންގެ މާލީ ބަޔާން ހުށަހަޅަން ޤާނޫނަށް އިސްލާހު ގެނައުމަކީ އެ ފަރާތްތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރަން މިހާރުން މިހާރަށްވެސް ގެންނަންޖެހޭ އިސްލާހެއް ކަމަށެވެ. އަދި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ އިސްވެރިންނާއި ސިފައިންނާއި ފުލުހުން ފަދަ މުއައްސަސާތަކުގެ އިސްވެރިންވެސް މާލީ ބަޔާން ހުށަހަޅަންޖެހޭގޮތަށް އިސްލާހު ގެންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް މިފެންނަނީ ކޮންމެ ފަސް އަހަރަކުން އެސްއޯއީތަކާއި ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް ފަސް އަހަރު ނިމޭއިރު މުއްސަނދި މަހުޖަނުންނަށް ވާތަން. އެ ބޭފުޅުން މަގާމާ ހަވާލުވާއިރު އަތުގައި ބައި ރުފިޔާވެސް ނޯންނަ ބޭފުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުއްސަނދިވާތަން އެބަފެނޭ. ތަކުރާރުކޮށް އެކަންކަން ފެންނައިރުވެސް އެކަންކަން ހުއްޓުވޭނެގޮތެއް ނޯވޭ. މިއީ އެކަންކަން ހުއްޓުވަން އަޅުގަނޑުމެންނަށް އެޅިދާނެ އެއް ފިޔަވަޅު
އަޒާން
ބިލުގެ ބަހުސްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުވެސް ވަނީ މިނިވަން މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭގޮތަށް ކޮމިޓީ މަރުހަލާގައި ބަދަލުތައް ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު މެންބަރަކު ހުށަހެޅި ނަމަވެސް މިފަދަ ބިލެއް ބަލައިގަނެ، އެއަށް ތާޢީދުކޮށް ބަހުސް ކުރުމުން ޕީއެންސީން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތް ހާމަވާ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
ކޮންބައެއްގެތޯ މިވަބާއިން ރާއްޖެ ސަލާމަތް ކުރުމުގެ ހެޔޮ ނިޔަތް އޮތީ. ޝައްކެއްވެސް ނެތް ރައީސް ޑރ. މުޢިއްޒުގެ މިސަރުކާރުގެ ވިސްނުން މިއޮތީ މިކަމުން ސަލާމަތްވުމަށް. އަޅުގަނޑުމެންގެ ވެރިކަމެއްގައި ނޫނީ، ވެރިކަން ހިނގަމުންދިޔައިރު ކޮރަޕްޝަނާއި ފަސާދަ ބަލަން ކެރުވެރިކަމެއް އެބައޮތްތޯ ރާއްޖޭގައި އުފެދިފައި
ޝުޖާޢު
މާލީ ބަޔާންތައް ހުށަހެޅުމުގެ އިތުރުން، އެ ބަޔާންތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ ނިޒާމުތައް ޤާއިމުކުރެވެންޖެހޭ ކަމަށްވެސް ބިލުތަކަށް ބަހުސް ކުރެއްވި މެންބަރުން ވަނީ ވިދާޅުވެފައެވެ. އަދި މާލީ ބަޔާންތަކުގައި ހާމަކޮށްފައިވާ މަޢުލޫމާތުތަކަކީ ސައްޙަ މަޢުލޫމާތުކަން ކަށަވަރު ކުރެވޭނެ ނިޒާމުތައްވެސް ޤާއިމުވެފައި އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިއްތިފާޤުވެވަޑައިގެންނެވިއެވެ.