ޚަބަރު
ވެންޓިލޭޓަރު މައްސަލަ: ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީ ކޯޓުން އަމުރުކޮށްފި!

އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ފޮޓޯ: އެޑިޝަން
ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލާގައި، ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. މި އަމުރު ނެރެފައިވަނީ، މީގެ ކުރިން އާބިޓްރޭޝަނުން ކުރި އަމުރަކަށް އެ ކުންފުނިން ތަބާވެފައިނުވާތީ، ޖޫރިމަނާ ހިމަނައިގެންނެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް މިއަދު ވިދާޅުވީ، ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) އިއްޔެއިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައްކަން އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީގެ ކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ. އަދި އެ އަމުރަށް ތަބާނުވެއްޖެ ނަމަ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
އަމުރާ އެއްގޮތަށް ފައިސާ ނުދައްކައިފި ނަމަ ދެން ކުރަންޖެހޭ ކަންކަން ވެސް އަޅުގަނޑުމެން ކުރާނަން. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަަސައްކަތް ކުރާނަން
ބަންޑާރަ ނައިބު
މި މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ވެންޓިލޭޓަރުތައް ހޯދުމަށް ފެބްރުއަރީ 2020 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީއާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވުމުން، ދިވެހި ސަރުކާރުން އެދުނީ ފޯރުކޮށްނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސް ދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
ކުރިން މި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުނު އިރު، އެ ތަނުން ވަނީ ބަދަލާ އެކު، އާބިޓްރޭޝަނަށް ދައްކަން ޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ އެ ކުންފުނިން ދިވެހި ސަރުކާރަށް ދޭންޖެހޭނެ ކަމަށް އަންގާފަ އެވެ. އެ އެންގުމާ އެއްގޮތަށް އަދިވެސް ފައިސާ ނުދައްކާތީ ދެވަނަ ފަހަރަށް އަމުރު ނެރުނީ ޖޫރިމަނާ ހިމަނައިގެންނެވެ. އެހެންވެ، ދިވެހި ސަރުކާރަށް ލިބެންޖެހޭ ފައިސާގެ އަދަދު 37 މިލިއަން ރުފިޔާއަށް އަރައެވެ.
އޭޖީ އުޝާމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އާބިޓްރޭޝަން ކުރިއަށް ދިޔައިރު ވެސް އެ ކުންފުނި ވީ ތަން ނޭނގެ އެވެ. އަދި އެއްވެސް ބަޔާނެއް ވެސް ހުށަހަޅާފައި ނުވެ އެވެ. އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް ވާތީ، ދުބާއީގެ ކޯޓުތަކަށް އެ މައްސަލަ ހުށަހެޅީ އެވެ.
ކޮވިޑްގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު، 75 ވެންޓިލޭޓަރު ހޯދުމަށް ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ދިނެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރި އިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯއެއް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ނުފޮނުވައެވެ.
ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް އެގްޒެކިއުޓާސްއިން ރާއްޖެއަށް ފޮނުވި ނަމަވެސް، އެ ބޭނުމެއް ނުކުރެވުނެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ. އެކަމަކު އެ ފައިސާ ވެސް އެ ކުންފުނިން އަދިވެސް ދައްކާފައިނުވާތީ، މި މައްސަލަ ސަރުކާރުން ގެންދަނީ ބަލަމުންނެވެ.