ކޮލަމް / ސައިންސް

ހެލެބެލިން އިންސާނާގެ ހަށިގަނޑުގައި ހުންނަ މައިކްރޯޕްލާސްޓިކްސް ސާފުކުރަން އެހީތެރިވެދޭތަ؟

ހެލެބެލިން އިންސާނާގެ ހަށިގަނޑުގައި ހުންނަ މައިކްރޯޕްލާސްޓިކްސް ސާފުކުރަން އެހީތެރިވެދޭތަ؟

ހެލެބެލި ގަހެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޮކްޓޯބަރު 2025، 05:17

08 އޮކްޓޯބަރު 2025، 05:17

ސޯޝަލް މީޑިއާގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ޢާންމުވުމަކީ އާދައިގެ ކަމެކެވެ. މިފަދަ މަޢުލޫމާތުގެ ތެރެއިން ފަހަކަށްއައިސް ފާހަގަކުރެވުނު އެއް ވާހަކައަކީ ހެލެނބެލިން އިންސާނާގެ ހަށިގަނޑުގައި ހުންނަ މައިކްރޯޕްލާސްޓިކްސް ނައްތާލުމަށް އެހީތެރިވެދޭ ކަމަށް ބުނާ ވާހަކައެވެ. މި ލިޔުމުގައި މިކަމުގެ ޙަޤީޤަތް ދެނެގަތުމަށް މަސައްކަތްކޮށްލާނަމެވެ.

މައިކްރޯޕްލާސްޓިކްސްއަކީ 5 މިލިމީޓަރަށްވުރެ ކުދި ޕްލާސްޓިކްގެ ކުދިކުދި ބައިތަކެވެ. މިއީ މިހާރު އަޅުގަނޑުމެންގެ ކާބޯތަކެތި، ބޯފެން އަދި ތިމާވެށީގައި ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ އެއްޗެކެވެ. އިންސާނުންގެ ހަށިގަނޑުގެ އެކި ޓިޝޫތަކުންނާއި، ލެއިން، ގުނަވަންތަކުން އަދި ހަޖަމުކުރާ ނިޒާމުން ވެސް މިތަކެތި ފެނިފައިވުމަކީ، ދުރު މުސްތަޤުބަލުގައި ޞިއްޙަތަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުން އުފެދޭ ކަމެކެވެ.

މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ޢިލްމުވެރިން ދަނީ ފެނުން މައިކްރޯޕްލާސްޓިކްސް ވަކިކޮށް ނެގުމަށް ބޭނުންކުރެވިދާނެ ޤުދުރަތީ، ވިހަ ނޫން މާއްދާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން، ހެލެބެލިން އަލަށް ފެށުނު ތަޖުރިބާތަކުން އުއްމީދީ ނަތީޖާއެއް ދައްކާފައިވާ އެއްޗެކެވެ.

 ތަޖުރިބާގެއަލީގައި ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، ހެލެބެލީގައި ހުންނަ ޕޮލިސެކަރައިޑްސްއަކީ ފެނުގައި ހުންނަ މައިކްރޯޕްލާސްޓިކްސްއާ ގުޅި، އެތަކެތި ފަސޭހައިން ވަކިކޮށް ނެގުމަށް އެހީވެދޭ މާއްދާއެކެވެ.

ނަމަވެސް، ފެން ސާފުކުރުމަށް ކުރެވޭ ތަޖުރިބާތަކުގެ ނަތީޖާތައް އިންސާނުންގެ ހަށިގަނޑަށް ސީދާ ގުޅުވާލުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، ހެލެބެލި ކެއުމުން ހަށިގަނޑުގެ ތެރޭގައި ހުންނަ މައިކްރޯޕްލާސްޓިކްސްއާ ގުޅި، އެތަކެތި ހަށިގަނޑުން ބޭރުކޮށްލުމަށް އެހީވެދޭ ކަމުގެ ޢިލްމީ ހެއްކެއް ނެތެވެ. "ހެލެބެލިއަކީ އިންސާނުންގެ ހަށިގަނޑުން ޕްލާސްޓިކް ސާފުކުރުމަށް އެހީވެދޭ އެއްޗެއް" ކަމަށް ބުނާ ވާހަކަތަކަކީ ތަޖުރިބާކާރުންގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، ޙަޤީޤަތާ ދުރު ނަތީޖާތަކެއް ނެރެފައިވާ ވާހަކަތަކެއް ކަމަށް ޢިލްމުވެރިން ދެކެއެވެ.

މި ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، އިންސާނުންގެ ހަށިގަނޑަކީ ފެންފޮދެއްހެން ސާދާ އެއްޗެއް ނޫނެވެ. އަޅުގަނޑުމެންގެ ހަޖަމުކުރާ ނިޒާމާއި، ހަށިގަނޑުގައި ހުންނަ މައިކްރޯބަޔޯމްއާއި، ތަފާތު ޕީ.އެޗް. މިންވަރުތަކާއި، މެޓަބޮލިކް މަސައްކަތްތަކުން، އެއްޗެހި ހަށިގަނޑުގައި މަސައްކަތްކުރާ ގޮތަށް އަސަރުކުރެއެވެ. އެހެންކަމުން، ތަޖުރިބާކާރުންގެ ކޮންޓްރޯލްކުރެވިފައިވާ މާޙައުލެއްގައި ފެންނަ ނަތީޖާތައް އިންސާނުންގެ ހަށިގަނޑުގެ ތެރޭގައި އެގޮތަށް ތަކުރާރުވާނެކަމުގެ ޔަޤީންކަމެއް ނެތެވެ.

                    


Ads by MSS

މި ލިޔުން ކިޔާލުމުން