ޚަބަރު
ތަޢުލީމީ ނިޒާމު އިސްލާމީ އަސާސްތަކުގެ މައްޗަށް ބިނާކުރުމަށް ރާއްޖެއިން އަމާޒު ހިފާފައިވާކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ

އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް ސެމިނަރ ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް، ބައިނަލްއަޤުވާމީގޮތުން ވާދަވެރި ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ކުރިއަށްދާ "އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް ސެމިނަރ" ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ސެމިނަރަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އާއި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ) ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މުހިންމު ސެމިނާރެކެވެ. ސެމިނަރ ފައްޓަވާދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސްވަނީ އިސްލާމީ ދުނިޔޭގައި ޢިލްމު ފެތުރުއްވުމުގައި އައިއައިޓީއާއި އައިއައިޔޫއެމުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އިސްލާމީ އަސާސްތަކުގެ މަތީގައި މުޖުތަމަޢުތައް ބައްޓަންކޮށްދެއްވުމަށް އެޖަމްޢިއްޔާތަކުން މަސައްކަތް ކުރައްވަމުންދާއިރު ރާއްޖެއިން މިދާއިރާގައި ހޯދަމުންދާ ކުރިއެރުމުގެ މައްޗަށްވެސް ނައިބު ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެއިން މިހާރު އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤުވާމީގޮތުން ވާދަވެރިގޮތެއްގައި ތަޢުލީމު ފޯރުކޮށްދޭ ނިޒާމަކަށް ހެދުމެވެ. އިސްލާމީ ޤައުމުތަކުގައި މީހުން ބިނާކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭންޖެހެނީ އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އައިއައިޔޫއެމްއާއި އައިއައިއައިޓީ އަދި އައިޔޫއެމް ގުޅިގެން މިބާއްވާ ސެމިނަރއަކީ އިސްލާމީ ޢިލްމުގެ އަލީގައި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް
ނައިބު ރައީސް
މި ސެމިނަރ ބޭއްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ އިސްލާމީ ޢިލްމުތަކުގެ އަލީގައި މުޖުތަމަޢު ބިނާކޮށް، އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާގެ ރެކްޓަރ އެމެރިޓަސް ޕްރޮފެސަރ ދާތޯ ޑރ.ޢުޘްމާން ބިން ބަކާރު ވިދާޅުވީ ލީޑަރުންގެ ގޮތުގައި ކުރިއަށްދާނީ އަބަދުވެސް ޢިލްމުގެ އަހުލުވެރިންކަމަށެވެ. އެހެންކަމުން ލީޑަރޝިޕްގައި ކުރިއަރައިދާން ބޭނުންވާ ފަރާތްތަކުން ތަޢުޙީދުގެ މަތީގައި ޤާއިމުވެފައިވާ ޢިލްމެއް ހޯދުމުގެ މުހިއްމުކަމުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.
އަދި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. ޢުމަރު ޙަސަން ކަސޫލޭ ވިދާޅުވީ، ކޮންމެ މުޖުތަމަޢެއްގެވެސް ކުރިއެރުން ގުޅިފައިވަނީ ޢިލްމާއިކަމަށެވެ. ޢިލްމު ލިބިފައިވީނަމަވެސް އޭގެ ބޭނުން ނުކުރާނަމަ ޢިލްމުގެ ބާރެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޔޫރަޕްގައި މިއަދު ފެންނަ ތަރައްޤީގެ އަސްލަކީ އިސްލާމީ އެކި ޙަޟާރާތްތަކުން ދަސްކުރި ޢިލްމު، އެއީ ސައިންސާއި އިންޑަސްޓްރިއަލައިޒޭޝަން ނުވަތަ ކޮމިއުނިކޭޝަން ކަމުގައިވީނަމަވެސް. އެމީހުން ޢިލްމު ހޯދާ އެއަށް ޢަމަލުކުރަމުންދިޔުމުގެ ނަތީޖާ މިއަދު ޔޫރަޕް އެހާ ކުރިއަރާފައިވުމުގެ ސިއްރަކީ. އިސްލާމީ އުއްމަތުން އެބަޖެހޭ އަހަރެމެންނަށް ލިބިފައިވާ ޢިލްމުގެ ބޭނުންކުރާ މުޖުތަމަޢުތަކެއް ބިނާކުރަން
ޕްރޮފެސަރ ޑރ. ޢުމަރު ޙަސަން ކަސޫލޭ
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިސެމިނަރގައި އިސްލާމްދީނުގެ އަސާސްތަކުގެ އަލީގައި، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިންނާއި، މީހުން ބިނާކުރުމުގެ ދާއިރާއިން މުހިންމު އެކި މަޢުޟޫޢުތަކަށް ފަންނީ ބޭފުޅުންގެ ގިނަ ވޯކްޝޮޕްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިވޯކްޝޮޕްގެ ސަބަބުން ރާއްޖޭގެ މުޖްތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ބައިވެރިންތަކެއް ތަމްރީންވެގެންދާނެކަމަށް އައިޔޫއެމުން ފާހަގަކުރައްވައެވެ.