ދުނިޔެ

ސޫދާންގެ އަލް-ފާޝިރް ސިޓީއަށް ޙަމަލާ ދިނުމުގެ ސަބަބުން 60 މީހުން މަރުވެއްޖެ!

ސޫދާންގެ އަލް-ފާޝިރް ސިޓީއަށް ޙަމަލާ ދިނުމުގެ ސަބަބުން 60 މީހުން މަރުވެއްޖެ!

އަލް-ފާޝިރްގައި ކޮނެފައިވާ ވަޅުގަނޑެއް.

farudhun logo

ފަރުދުން

12 އޮކްޓޯބަރު 2025، 02:49

12 އޮކްޓޯބަރު 2025، 02:49

ސޫދާނުގެ ޢަސްކަރީ ޖަމާޢަތެއް ކަމުގައިވާ ރެޕިޑް ސަޕޮރޓް ފޮރސެޒް (އާރް.އެސް.އެފް.)އިން އެ ޤައުމުގެ އަލް-ފާޝިރް ސިޓީގައި ދިން ޙަމަލާތަކެއްގައި ހުކުރު ދުވަހުގެ ރެޔާއި އިއްޔެ ދުވާލު ޖުމުލަ 60 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ޝާއިޢުކޮށްފިއެވެ.

އަލް-ފާޝިރް ސިޓީގެ ވަށައިގެން ޙަރަކާތްތެރިވަމުންދާ އާރް.އެސް.އެފް. ޖަމާޢަތުގެ މަޤުޞަދަކީ، އެ ސިޓީ އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔުމެވެ. އަލް-ފާޝިރް ސިޓީއަކީ އަދު ސޫދާނުގެ ދަރުފޫރު ސަރަޙައްދުގެ ސިޓީތަކުގެ ތެރެއިން، ޤައުމީ ސިފައިންގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީއެވެ.

ސޫދާނުގައި ކުރިއަށްދާ ހަމަނުޖެހުމާއި ހަނގުރާމައިގެ ސަބަބުން، އެތައް ބަޔަކު ވަނީ ހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލާން މަޖުބޫރުވެފައެވެ.  އާރް.އެސް.އެފް.އިން ވަނީ އެކި ހިޔާވަހިތަކަށާއި، މިސްކިތްތަކަށާއި، ހަސްފަތާލުތަކަށާއި، ކުލިނިކުތަކަށް ޑްރޯންއާއި އެހެނިހެން ހަތިޔާރު މެދުވެރިކޮށް ވަރުގަދައަށް ޙަމަލާ ދީފައެވެ.

ޤައުމުގެ ދިފާޢަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމުގައިވާ އަލް-ފާޝިރް ރެޒިސްޓެންސް ކޮމިޓީ (އޭ.އާރް.ސީ.)އިން ބުނީ، އިއްޔެއާއި ކުރިން ދުވަހު ދިން ޙަމަލާތަކުގައި މަރުވި ގިނަ ބަޔެއްގެ ހަށިތައް އަދިވެސް ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޑަކުދީންނާއި، އަންހެނުންނާއި، ޢުމުރުން ދުވަސްވީ ފަރާތްތައް ހިމެނޭ ކަމަށް އެ ޖަމާޢަތުން މަޢުލޫމާތު ދެއެވެ. އޭ.އާރް.އެސް.އިން އިތުރަށް ކިޔައިދޭ ގޮތުގައި، އާރް.އެސް.އެފް.އިން ވަނީ ހިޔާވައްސަކަށް 2 ފަހަރު ޑްރޯން ޙަމަލާ ދީ، 8 ފަހަރު އަރޓިލެރީ ޙަމަލާ ދީފައެވެ.

މި ހަމަނުޖެހުމުގައި ސޫދާނުގެ އެތައް ސަތޭކަ ޢާންމުން މަރުވެފައިވެއެވެ. މި ގޮތުން، ދުވާލެއްގެ މައްޗަށް އަލް-ފާޝިރްގައި ބަނޑުހައިކަމާއި، ހަނގުރާމައާއި، ބަލިމަޑުކަމުގެ ސަބަބުން އެވަރެޖްކޮށް 30 މީހުން މަރުވެއެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި، ހަނގުރާމައިގެ ނުރައްކަލުން ސަލާމަތްވުމަށް އަލް-ފާޝިރްގައި ގިނަ ބަޔަކު ދަނީ ބޮޑެތި ވަޅުގަނޑުތައް ކޮންނަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން