ދުނިޔެ
އިންޑޮނީޝިއާގައި ފެންބޮޑުވި ގޯލްޑްމައިނެއްގައި ތާށިވި ބަޔަކު ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި
ގޯލްޑްްމައިންގައި ތާށިވެފައިތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ޑަބްލިޔުޕީ
އިންޑޮނީޝިއާގެ ވެސްޓް ޖާވާ ޕްރޮވިންސްގައި ހުއްދަނެތި ހިންގަމުންދިޔަ ރަން ނަގާ ވަޅެއްގައި ފެންބޮޑުވެ، އޭގެ ތެރޭގައި ތާށިވެފައިވާ އެތައް މަސައްކަތްތެރިންނެއް ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.
ވެސްޓް ޖާވާގެ ބޮގޯރު ޑިސްޓްރިކްޓްގައި ހުރި މި ވަޅުގަނޑަށް ފެންވަދެ ފުރިފައިވަނީ ހޯމަ ދުވަހު ބޯކޮށް ވާރޭވެހި، ކައިރީގައި އޮތް ކޯރެއް ފުރިގެން ބަންޑުންވުމާ ގުޅިގެން ކަމަށް ފުލުހުން ބުދަ ދުވަހު ހާމަކުރިއެވެ. ވެސްޓް ޖާވާ ފުލުހުންގެ ތަރުޖަމާނު ހެންދުރާ ރޮޗްމަވާން ވިދާޅުވި ގޮތުގައި، މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު ސަލާމަތް ނުކުރެވި ވަޅުގެ ތެރޭގައި 26 މީހުން އެބަތިއްބެވެ.
ޖަކާޓާގެ ސާޗް އެންޑް ރެސްކިއު އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މި މަސައްކަތްތެރިން ތާށިވެފައިވަނީ 100 މީޓަރު (328 ފޫޓު) އަޑީގައެވެ. ވަޅުގެ ތެރެއަށް ވަދެވެން އޮތް މަގު ހަނިވެފައި، ތަން އަނދިރިވެ، ބިންގަނޑު ކައްސާލާ ގޮތަށް އޮތުމުގެ ސަބަބުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
ޖަކާޓާ ސާޗް އެންޑް ރެސްކިއު އޮފީހުގެ އިސްވެރިޔާ ދެސިއާނާ ކާތިކާ ބަހާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރެސްކިއު ޓީމުތަކަށް ރައްކާތެރިކަމާއެކު ހަރަކާތްތެރިވެވޭނެ ގޮތްތައް ބަލައި، ވަޅުގެ ތެރޭގައި ފެން ހުރި މިންވަރާއި ވަދެވޭނެ މަގުތައް ވަރަށް ގާތުން މޮނީޓަރު ކުރަމުން އަންނަ ކަމަށެވެ. އަދި ވަޅުގެ ފުންމިނާއި ހަނި މަގުތަކުގެ ސަބަބުން، އޮޕަރޭޝަން ކުރިއަށް ގެންދާނެ އެންމެ ރައްކާތެރި ސްޓްރެޓެޖީއެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ޖަކާޓާއާ 60 ކިލޯމީޓަރު ދެކުނުގައި އޮންނަ ފަރުބަދަމަތީ ސަރަޙައްދެއް ކަމަށްވާ ބޮގޯރުގެ ޕޮންގްކޯރުގައެވެ. މިއީ ދައުލަތުގެ މައިނިންގ ކުންފުނި 'އަންތަމް' އިންވެސް ރަން ނެގުމުގެ މަސައްކަތްތައް ހިންގަމުން އަންނަ ސަރަޙައްދެކެވެ.
ޤުދުރަތީ ވަސީލަތްތައް ގިނަ އިންޑޮނީޝިއާގައި ހުއްދަނެތި އަދި ކުދިކޮށް ހިންގާ މައިނިންގ މަސައްކަތްތަކުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. މިފަދަ ތަންތަން އެކަހެރި ސަރަޙައްދުތަކުގައި ހުރުމުގެ ސަބަބުން އެ ތަންތަން ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ. މިދިޔަ ހަފުތާގައިވެސް ބޮގޯރުގެ އެހެން ސަރަޙައްދެއްގައި ހުރި މިފަދަ 30 ވަޅެއް ކަމާބެހޭ ފަރާތްތަކުން ވަނީ ބަންދުކޮށްފައެވެ.