ކުޅިވަރު

އެފްރިކާ ބައްރުން ވޯލްޑް ކަޕަށް ކޮލިފައިވި ފަސްވަނަ ޤައުމަކަށް ގާނާ

އެފްރިކާ ބައްރުން ވޯލްޑް ކަޕަށް ކޮލިފައިވި ފަސްވަނަ ޤައުމަކަށް ގާނާ

މުޙައްމަދު ކުއްދޫސް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޮކްޓޯބަރު 2025، 09:47

13 އޮކްޓޯބަރު 2025، 09:47

މިއަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕުގައި ވާދަކުރުމަށް، އެފްރިކާ ބައްރުގެ ފަސްވަނަ ޖާގަ ގާނާއިން ހޯދައިފިއެވެ. 

2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި ކުޅެފައިވާ ގާނާއިން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރީ، ރޭ ކޮމޮރޯސްއާ ދެކޮޅަށް ކުޅުނު މެޗު 1-0އިން ކާމިޔާބުކޮށްގެންނެވެ. 

އެ މެޗަށް ނިކުތްއިރު ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ގާނާއަށް ބޭނުންވީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް ވޯލްޑް ކަޕްގެ ޖާގަ ގާނާއިން ކަށަވަރުކޮށްފައި މިވަނީ އެ ޤައުމުގެ އާކްރާގައި ކުޅުނު މެޗުން 3 ޕޮއިންޓު ހޯދައިގެންނެވެ.

ގާނާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ، މެޗުގެ 47ވަނަ މިނެޓުގައި، އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ކުޅެމުން އަންނަ މުޙައްމަދު ކުއްދޫސްއެވެ. 

މި ނަތީޖާއާއެކު ގާނާ ވަނީ ގްރޫޕް-އައިގައި އެ ޓީމުން ކުޅުނު 10 މެޗުން 25 ޕޮއިންޓާއެކު، ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ދެވަނައިގައި އޮތް މަޑަގަސްކަރައަށް 10 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. މާލީ އަށް 18 ޕޮއިންޓާއިއެކު ތިންވަނަ މަގާމް ލިބިފައިވާއިރު ކޮމޮރޯސް އޮތީ ހަތަރުވަނައިގައެވެ.

އެފްރިކާ ބައްރުގެ ވޯލްކަޕް ކޮލިފައިންގައި 9 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ޤައުމަށް ވޯލްޑް ކަޕުން ޖާގަ ލިބޭނެއެވެ. 

މި ބައްރުން ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އިތުރު ޓީމަކަށް ވެސް އޮންނާނެއެވެ. އެގޮތުން 9 ގްރޫޕުން ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާ 4 ޓީމުގެ މެދުގައި ކުޑަ މުބާރާތެއް ކުޅެވޭނެއެވެ. އަދި މި 4 ޓީމުގެ މެދުގައި ސެމީފައިނަލުން ފަށާ މުބާރާތް ކާމިޔާބުކުރާ ޓީމު ކޮލިފައި ވާނީ ފީފާގެ ޕްލޭއޮފް މުބާރާތަކަށެވެ. އެ މުބާރާތުގައި ވާދަކުރާނީ އޭޝިއާ، ކޮންކަކަފް، ދެކުނު އެމެރިކާ އަދި އޯޝޭނިއާގެ ޓީމުތަކެވެ. އެއަށްފަހު ވޯލްޑް ކަޕުން ޖާގަ ލިބޭނީ މި މުބާރާތް ކާމިޔާބުކުރުމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން