ކުޅިވަރު
އެސްވަޓީނީ ބަލިކޮށް ވޯލްޑް ކަޕުން ޖާގަ ހޯދި ދެވަނައަށް އެންމެ ކުޑަ ޤައުމަކަށް ކޭޕް ވާރޑް

ވޯލްޑް ކަޕަށް ކޮލިފައިވުމާ ގުޅިގެން ކޭޕް ވާރޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ގެޓީއިމޭޖަސް
އެސްވަޓީނީ 3-0އިން ބަލިކޮށް ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގައި ފެނިގެން ދާނެ ދެވަނައަށް އެންމެ ކުޑަ ޤައުމަކަށް ކޭޕް ވާރޑް ވެއްޖެއެވެ.
ކޮލިފައިންގެ ފަހު މެޗުގައި އެސްވަޓީނީއާ ދެކޮޅަށް ހޯދި ތިން ޕޮއިންޓާއެކު، ކޭޕް ވާރޑްއިން ވަނީ ކެމަރޫން ފަހަތަށް ޖައްސާލުމަށްފަހު އެ ޓީމު ހިމެނޭ ގްރޫޕްގެ އެއްވަނަ ހޯދާފައެވެ.
ކޭޕް ވާރޑްގެ ވެރިރަށް ޕްރަޔާގައި ހުންނަ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ، ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ޑެއިލޯން ލިވްރަމެންޓޯއެވެ. އަދި އޭގެ 6 މިނެޓު ފަހުން ވިލީ ސެމެޑޯ އެ ޓީމުގެ ލީޑު ފުޅާކޮށްދިންއިރު، ޓީމުގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ، ވެޓެރަން ޑިފެންޑަރު ސްޓޮޕިރާއެވެ.
ކޮލިފައިންގައި ކޭޕް ވާރޑްއަށް ލިބުނު އެންމެ ބޮޑު އުއްމީދަކަށްވީ، މިދިޔަ މަހު ކެމަރޫންއާ ބައްދަލުކުރި މެޗު 1-0އިން ކާމިޔާބުކުރެވުމެވެ. އެ ނަތީޖާއަށްފަހު އެ ޓީމުން ބޭނުންވީ ފަހު ދެ މެޗުން 3 ޕޮއިންޓެވެ. ނަމަވެސް މިދިޔަ ހަފްތާގައި ލީބިޔާއާ ދެކޮޅަށް ކުޅުނު މެޗުން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ނުކުރެވުނީ އެ މެޗު 3-3 އިން އެއްވަރުވުމުންނެވެ.
ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެޓްލާންޓިކް ކަނޑުގައި 10 ރަށުގެ މައްޗަށް އެކުލެވިގެންވާ ކޭޕް ވާރޑްގެ އާބާދީއަކީ 525،000 އެވެ. އެ ޤައުމަށް މިނިވަންކަން ލިބުނީ 1975 ވަނަ އަހަރެވެ. އަދި އެ ޤައުމުގެ ފުޓުބޯޅަ ޓީމުން އެންމެ ފުރަތަމަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް މަސައްކަތްކޮށްފައި ވަނީ 2002ވަނަ އަހަރު ކޮރެއާ އަދި ޖަޕާނުގައި އެ މުބާރާތް ކުޅުނު ފަހަރެވެ.
ކޭޕް ވާރޑްއިން ވަނީ ފަހަކަށް އައިސް ސަރަޙައްދީ ފުޓުބޯޅަ މުބާރާތްތަކުގައި ވެސް ރަނގަޅު ނަތީޖާތައް ނެރެފައެވެ. އެގޮތުން 2013 ވަނަ އަހަރާއި 2023 ވަނަ އަހަރު ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައެވެ. މި ނަތީޖާތަކާއެކު އެ ޤައުމު މިހާރު އޮތީ ދުނިޔޭގެ ރޭންކިންގެ 70ވަނައިގައެވެ.
ވޯލްޑް ކަޕްގައި މިހާތަނަށް ވާދަކުރި އެންމެ ކުޑަ ޤައުމަކީ އައިސްލޭންޑްއެވެ. އެ ޤައުމުގެ ފުޓުބޯޅަ ޓީމު ވަނީ ރަޝިޔާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ވާދަކޮށްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އެ ޤައުމުގެ އާބާދީއަކީ 389،000އެވެ.