ޚަބަރު
ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެ، ސެޕްޓެމްބަރު މަހު 860 މިލިޔަން ޑޮލަރަށް އަރައިފި!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފޮޓޯ: އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 860 މިލިޔަން ޑޮލަރަށް އަރައިފިއެވެ. މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު 50 މިލިޔަން ޑޮލަރުގެ ކުރިއެރުމެކެވެ.
މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި، އޮގަސްޓް މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 810.05 މިލިޔަން ޑޮލަރެވެ. މި އަދަދު ސެޕްޓެމްބަރު މަހުގެ ނިޔަލަށް 859.46 މިލިޔަން ޑޮލަރަށް އިތުރުވިއިރު، މިއީ މަހުން މަހަށް ބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ. ރަސްމީ ރިޒާވްގެ އިތުރުން، ސެކިއުރިޓީސް އިންވެސްޓްމަންޓާއި ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 116.64 މިލިޔަން ޑޮލަރު ހުރި ކަމަށް ވެސް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރަސްމީ ރިޒާވް އިތުރުވެފައިވީ ނަމަވެސް، ކުރު މުއްދަތުގައި ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިފަދަ އިލްތިޒާމުތަކުގެ އަދަދު 781.75 މިލިޔަން ޑޮލަރުގައި ހުރިއިރު، އޮގަސްޓް މަހު މި އަދަދު ހުރީ 738.63 މިލިޔަން ޑޮލަރުގައެވެ. މި ބަދަލާއެކު، ބޭނުން ކުރެވޭ ރިޒާވު ދަށްވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވާއި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމަންޓުގެ ގޮތުގައި ހުރި ބޭރު ފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަންޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށް ފަހުއެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެކެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 194.35 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. އޮގަސްޓް މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި 188.64 މިލިޔަން ޑޮލަރު ހުރިއިރު، މިއީ މަހުން މަހަށް ބަލާއިރު 3 އިންސައްތަ އިތުރުވުމެކެވެ.
ރާއްޖޭގެ ރިޒާވް ހަރުދަނާކޮށް، ރިޒާވުގައި ހުރި މިންވަރު އިތުރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިގޮތުން ބޭރުފައިސާގެ އައު ޤާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ ތެރެއިން 60 އިންސައްތަ ރިޒާވް ހަރުދަނާ ކުރުމަށް އެމްއެމްއޭއިން ދަނީ ބޭނުންކުރަމުންނެވެ. މީގެ އިތުރުން މިއަހަރު ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުވެފައިވާއިރު، ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕަކީ ވެސް މިއަހަރު ތެރޭގައި ރިޒާވަށް ހެޔޮ ބަދަލެއް އައި ސަބަބެއް ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. މި ސްވޮޕް އެއްކޮށް ބޭނުން ކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަންޖެހެނީ މިއަހަރާއި، އަންނަ އަހަރުގައެވެ. އަންނަ އަހަރު ދަރަންޏަށް ބޮޑު އަދަދެއް ދައްކަންޖެހޭ އިރު ރިޒާވް ހަރުދަނާވުމަކީ ދަރަނިތައް ދެއްކުމަށް ލިބިގެންދާ ލުޔެއް ކަމަށް މަރުކަޒީ ބޭންކުން ފާހަގަ ކުރައްވައެވެ. މިކަމުގެ ސަބަބުން ގައުމުގެ އިޤްތިސާދީ ހާލަތު ހަމަހަމަވެ، މާލީ ސާބިތުކަން އިތުރުވުމަށް މަގުފަހިވާނެއެވެ.