Ads by Stelco

ޚަބަރު

ސިނަމާލެ ބުރިޖާއި ހައިވޭ ސަރަހައްދުގައި ފާއިތުވި ހަފުތާ ތެރޭގައި ޖުމުލަ 40 އެކްސިޑެންޓް ހިނގާފައިވޭ : ފުލުހުން

ސިނަމާލެ ބުރިޖާއި ހައިވޭ ސަރަހައްދުގައި ފާއިތުވި ހަފުތާ ތެރޭގައި ޖުމުލަ 40 އެކްސިޑެންޓް ހިނގާފައިވޭ : ފުލުހުން

ސިނަމާލެ ބްރިޖު ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 އޮކްޓޯބަރު 2025، 12:43

14 އޮކްޓޯބަރު 2025، 12:43

މާލޭގެ ސިނަމާލެ ބުރިޖާއި ހައިވޭ ސަރަހައްދުގައި ފާއިތުވި ހަފުތާ ތެރޭގައި ޖުމުލަ 40 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ. މި އެކްސިޑެންޓްތަކުގައި 4 މީހަކަށް އަނިޔާވެ، 37 އުޅަނދަކަށް ގެއްލުން ލިބިފައިވެއެވެ.

ފުލުހުންގެ ފަރާތުން އެކްސްގައި މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި، މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ހަފުތާއެއްގެ ތެރޭގައި މިހާ ގިނަ އެކްސިޑެންޓްތައް ރިޕޯޓުކޮށްފައިވަނީ މި ސަރަހައްދުގައެވެ.

ހިނގި އެކްސިޑެންޓްތަކަށް ބަލާއިރު، އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ބްރިޖާއި ހައިވޭ ސަރަހައްދުން ޖުމުލަ 10 އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އަދި، އެ ހަފުތާގައި އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ ހުކުރު ދުވަހުއެވެ. އެ ދުވަހު ރިޕޯޓްކޮށްފައިވަނީ ދެ އެކްސިޑެންޓެވެ.



މި ހާދިސާތަކުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ފާހަގަކުރެއެވެ. މީގެ އިތުރުން 37 އުޅަނދަކަށް ގެއްލުން ލިބިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި، މި މުއްދަތުގައި ދިމާވި އެކްސިޑެންޓްތަކުގެ ތެރެއިން 75 އިންސައްތަ އެކްސިޑެންޓް ހިނގާފައިވަނީ ދުވާލު ގަޑީގައެވެ. މިދިޔަ ހަފުތާގައި ހިނގި 40 އެކްސިޑެންޓްގެ ތެރެއިން 30 އެކްސިޑެންޓް ހިނގީ ދުވާލު ވަގުތުތަކުގައެވެ. ރޭގަނޑު ހިނގީ 10 އެކްސިޑެންޓެވެ.

އެކްސިޑެންޓްތައް ހިނގިގޮތަށް ބަލާއިރު އެންމެ ގިނައިން އެކްސިޑެންޓް ވެފައިވަނީ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. އެފަދަ 11 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި، ސައިކަލަކާއި ސައިކަލެއް ޖެހިގެން އަށް އެކްސިޑެންޓް ހިނގިއެވެ. ކާރަކާއި ކާރެއް ޖެހިގެން ހަތަރު އެކްސިޑެންޓް، އަދި ކާރަކާއި ޕިކަޕެއް ޖެހިގެން ތިން އެކްސިޑެންޓް ވަނީ ހިނގާފައެވެ. ފުލުހުން މި ތަފާސްހިސާބު އާންމުކޮށްފައިވަނީ މަގުމަތީގެ ސަލާމަތަށް އިތުރަށް ސަމާލުވުމަށް ހަނދާންކޮށްދިނުމުގެ ގޮތުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން