ޚަބަރު
ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި އިތުރު ގޯލު ރެކޯޑެއް ރޮނާލްޑޯ ހަދައިފި

ހަންގޭރީ ކޮޅަށް ގޯލު ކާމިޔާބުކުރުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް
ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕޯޗުގަލް އާއި ހަންގޭރީ ބައްދަލުކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާއެކު، މިހާތަނަށް ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ގިނަ ގޯލުޖަހާފައިވާ ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ލިބިއްޖެއެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޮ ރޭ ކާމިޔާބުކުރި ދެ ގޯލާއެކު، ވޯލްޑް ކަޕް ކޮލިފައިންގައި އޭނާ ޖެހި ގޯލުގެ ޖުމްލަ އަދަދު ވަނީ 41 އަށް އަރާފައެވެ. މިއާއެކު، މި ރެކޯޑު ކުރިން އޮތް ގުއާޓަމާލާގެ ފޯވާރޑް، ކާރލޯސް ރުއިޒް މިވަނީ 39 ގޯލާއެކު މި ލިސްޓުގެ ދެވަނައަށް ވެއްޓިފައެވެ.
މި މެޗަކީ އިތުރު ގޮތަކުން ވެސް ރޮނާލްޑޯއަށް ޚާއްޞަވާން އޮތް މެޗެކެވެ. އެއީ ހަންގޭރީ ބަލިކޮށް ވޯލްޑް ކަޕްގެ ޖާގައެއް ޔަޤީންކޮށްގެންނެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލްއަށް ކުޅެމުން އަންނަ ޑޮމިނިކް ސޯބޯޒްލާއި ކާމިޔާބުކުރި ގޯލުން މެޗުގެ ނަތީޖާ 2-2އިން އެއްވަރުވުމާ ގުޅިގެން، މި އިންތިޒާރު މިވަނީ ދިގުލައިގޮސްފައެވެ.
ރޭގެ މެޗު އެއްވަރު ވިޔަސް، ޕޯޗުގަލް އޮތީ އެ ޓީމު ހިމެނޭ ގްރޫޕްގެ އެއްވަނައިގައި، 5 ޕޮއިންޓުގެ ލީޑެއްގައެވެ. އެ ޓީމަށް ބާކީ ދެ މެޗު އޮތްއިރު، ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ދެވަނަ ފުރުސަތު ޕޯޗުގަލްއަށް ދެން ލިބޭނީ 13 ނޮވެންބަރުގައި ރިޕަބްލިކް އޮފް އަޔަލޭންޑްއާ ދެކޮޅަށް ކުޅޭ މެޗުގައެވެ.
ރޮނާލްޑޯ މިހާރު މި ވަނީ، އޭނާގެ ކެރިއަރުގައި 948 ގޯލު ކާމިޔާބުކޮށްފައެވެ. އަދި މީގެ ތެރެއިން 143 ގޯލަކީ ޤައުމީ ޓީމަށް އޭނާ ކާމިޔާބުކުރި ގޯލުތަކެވެ.

ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅެމުން އަންނަތާ 22 އަހަރުވެފައިވާއިރު، ޕޯޗުގަލްއާއެކު އޭނާ ވަނީ 2016ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޔޫއެފާ ނޭޝަންސް ލީގު ވަނީ ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.
ވޯލްޑް ކަޕުގެ ކާމިޔާބީއާ ރޮނާލްޑޯއަށް އެންމެ ކައިރިޔަށް ދެވުނީ 2006ވަނަ އަހަރެވެ. އެ ފަހަރު ޕޯޗުގަލްގެ ހުރަހަކަށް ސެމީ ފައިނަލްގައިވީ ފްރާންސްއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރޮނާލްޑޯގެ އެންމެ ވާދަވެރި ލިއޮނެލް މެސީއަށް މިހާތަނަށް ކާމިޔާބުކުރެވިފައި ވަނީ 36 ގޯލެވެ.