ޚަބަރު
ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުން ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރެވުނީ، ރައީސުލްޖުމްހޫރިއްޔާ ނަރުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ނަރުދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރުމެވެ.
މި ރަސްމިއްޔާތުގައި ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކުރުމަށް އާރްޑީސީއާ ހަވާލުކުރި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަހުމަދު ޤާސިމްއެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ މިފަދަ ދަތުރުފުޅުތަކުގެ ތެރެއިން، ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް އެކި ކުންފުނިތަކާ އަންނަނީ ހަވާލުކުރަމުންނެވެ. މިއީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ސާބިތުކޮށްދޭ ކަމެކެވެ.
ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރެވުނު އާރްޑީސީއަކީ، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. އަދި މިހާރުވެސް އާރްޑީސީއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރަމުންނެވެ.