ވިޔަފާރި / ޚަބަރު
އެސްޓީއޯއިން އަސާސީ ކަބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް ހެޔޮއަގުގައި މިއަދު ވިއްކަން ފަށައިފި!

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރމާކެޓް ފޮޓޯ: ކޮރަލް ގްލާސް
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަގެއްގައި އަސާސީ ކާބޯތަކެތި ލިބޭނެ މަގު ފަހިކުރުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 23 ބާވަތުގެ އަސާސީ ކާބޯތަކެތި ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން އެ ބާވަތްތައް އަގުހެޔޮވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
އިންސާނުންގެ ހަށިގަނޑު ހެދިބޮޑުވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކޮންމެހެން ބޭނުންވާ މައިގަނޑު ކާބޯތަކެއްޗަކީ އަސާސީ ކާބޯތަކެއްޗެވެ. މިއީ އިންސާނީ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ބައެވެ. މިގޮތުން، މިހާރުވެސް އަސާސީ ބާވަތްތަކުގެ ގޮތުގައި އެސްޓީއޯއިން ވިއްކަމުން އަންނަ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، އިތުރު 23 ބާވަތް މި ލިސްޓަށް ވަނީ އިތުރުކުރެވިފައެވެ.
މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން މިހާރު ލިބެން ހުންނާނެއެވެ. މިހާރު ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތް ތިރީގައި މިވަނީއެވެ.
މޭވާގެ ބާވަތްތައް:
- ދޮންކެޔޮ
- އާފަލު
- އޮރެންޖު
- ލުނބޯ
- ޖުމްހޫރީމޭވާ
- އަނބު
- ފަޅޯ
- ކަރާ
- މޭބިސްކަދުރު
ތަރުކާރީގެ ބާވަތްތައް:
- ފިޔާ
- އިނގުރު
- ކެރެޓު
- ބަށި
- ކައްޓަލަ
- އަލުވި
- ކެބެޖު
- ބަރަބޯ
- މިރުސް
- ބޯވެލި
- ލޮނުމެދު
އެހެނިހެން 3 ބާވަތުގެ ކާބޯތަކެތި:
- ރީނދޫ މުގު
- ކުކުޅު ބިސް
- ކާށި
އެސްޓީއޯއިން މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްފައެވެ. އަދި ބާޒާރަށް އަންނަ ބަދަލުތަކާއި އެކު މި ތަކެތި ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިޤްތިޞާދީ ވުޒާރާގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.
އަގުމަގު ޕޯޓަލް : https://agumagu.trade.gov.mv/
މި އުފެއްދުންތަކަށް ބާޒާރުގައި އޮންނަ ޑިމާންޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު ދަނީ މަޝްވަރާ ކުރެވެމުންނެވެ.
އެސްޓީއޯގެ އަމާޒަކީ ސިއްޙަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދުވެސް ރައްޔިތުންނަށް ލިބެން ހުރުމެވެ. މި ފިޔަވަޅަކީ އެ އަމާޒަށް ވާސިލްވުމަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.
ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.ރައީސް ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އިތުރުން ރާއްޖެ އަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ދައުލަތުގެ ކުންފުނި އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާ އެކު ނިންމާފައިވާ ކަމަށެވެ.މިއީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަށް އެ މަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.އެސްޓީއޯ މެދުވެރިކޮށް މޭވާ އާއި ތަރުކާރީގެ މައިގަނޑު ބާވަތްތައް އެތެރެކޮށް ވިއްކަން ނިންމީ، ބާޒާރުގައި ހާއްސަކޮށް މޭވާގެ ބައެއް ބާވަތްތަކުގެ އަގުތައް އެތައް ގުނައަކުން މަތިވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.