ޚަބަރު
ކޮޅުވެއްޓި ބަންޑުންޖަހާލި ޙާދިސާގައި ނިޔާވީ ގއ.ދާންދޫ އަޙުމަދު ޝިފާން

ކޮޅުވެއްޓި ބަންޑުންޖަހާލި ޙާދިސާ ފޮޓޯ: އެމްއެންޑީއެފް
މާލެއަތޮޅު އެރިއަދޫއަށް ދަތުރުކުރަމުންދަނިކޮށް ބަނޑުންޖަހާލި "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓީގެ ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، ނިޔާވެފައި އޮއްވާ ފެނިފައިވަނީ ގއ.ދާންދޫ، 38 އަހަރުގެ އަޙުމަދު ޝިފާންކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ޝިފާންގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 08:04 ގައި ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ޙޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، މޫދު އަޑިންނެވެ. ފުލުހުން ވިދާޅުވީ ނިޔާވި މީހާ އަކީ 38 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
މި ހިތާމަވެރި ޙާދިސާގައި ނިޔާވި އަޙުމަދު ޝިފާންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.
ކޮޅުވެއްޓީގައި ޖުމްލަ 7 މީހުން ދަތުރުކުރިއިރު، މިހާތަނަށް އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު، އަދިވެސް 2 މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވް ޓީމުން އަންނަނީ ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މި މީހުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.