ކޮލަމް
ހަޖަމުގެ މައްސަލަތަކަށާއި ލޭގެ ޕްރެޝަރ ދަށް ކޮށްލުމަށް ފެލްކްސް ސީޑް

ފްލެކްސް ސީޑްސް
ހުލާސާ
ފެލްކްސް ސީޑްގައި އިންސާނުންގެ ސިއްހަތަށް ފައިދާހުރި ގިނަ ކާނާތަކެއް އެކުލެވިގެންވެއެވެ. މި ސީޑްގައި އެކުލެވޭ އޮމެގާ-3 ފެޓީ އެސިޑްގެ ސަބަބުން ހިތުގެ ސިއްހަތު ރަނގަޅުކޮށް، ހިތުގެ ބަލިތަކާއި ސްޓްރޯކްގެ ނުރައްކާ ކުޑަކުރުމަށް މަގުފަހިވެއެވެ.
ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި ފެލްކްސް ސީޑްގައި އެކުލެވޭ ފައިބަރގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެއެވެ. ޚާއްސަކޮށް ޓައިޕް 2 ޑައިބެޓީޒް ހުންނަ ފަރާތްތަކަށް މީގެ ފައިދާ ކުރާކަމަށް ދިރާސާތަކުން ދައްކައެވެ. ނަމަވެސް މީގެ އެންމެ ރަނގަޅު ނަތީޖާ ފެންނަނީ މަދުވެގެން 12 ހަފްތާއަށް ފެލްކްސް ސީޑް ބޭނުންކުރުމުންނެވެ.
ފެލްކްސް ސީޑްގެ އެހެން މުހިންމު ފައިދާއެއްގެ ގޮތުގައި ލޭގެ ޕްރެޝަރ ދަށްކުރުން ފާހަގަކުރެވެއެވެ. މީގެ ސަބަބުން ހައި ބްލަޑް ޕްރެޝަރ ހުންނަ ފަރާތްތަކަށް ހިތުގެ ބަލިތަކާއި ސްޓްރޯކްގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެއެވެ. އަދި ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް، ކަބޯތަކެތި ރަނގަޅަށް ހަޖަމުކުރުމަށާއި ބަނޑުހަރުވުން ކުޑަކުރުމަށްވެސް މަގުފަހިވެއެވެ.
ފެލްކްސް ސީޑްގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސްގެ ތެރެއިން ޚާއްސަކޮށް ލިގްނަންސްގެ ސަބަބުން ކެންސަރުގެ ބައެއް ބާވަތްތައް ޖެހުމުގެ ފުރުސަތު ކުޑަކުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އިއްދަ ކެނޑޭ މަރުހަލާ ފަހަނައަޅާ ދާ އަންހެނުންގެ މެދުގައި އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ފެލްކްސް ސީޑް އެހީތެރިވެއެވެ.
މީގެ އިތުރުން، ފެލްކްސް ސީޑްގައި އެކުލެވޭ އަލްފާ-ލިނޮލެނިކް އެސިޑްގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަމަށް ގެއްލުން ލިބޭ އިންފްލަމޭޝަން ކުޑަކުރުމަށް އެހީތެރިވެއެވެ. މިގޮތުން އާތްރައިޓިސްގެ އަލާމާތްތައް ލުއިކޮށްދިނުމާއި، އެސްތްމާ އަދި ޕާކިންސަންސް ފަދަ ބަލިތަކާ ގުޅުންހުރި އިންފްލަމޭޝަން ކުޑަކުރުމަށް މަގުފަހިވެއެވެ. އަދި މެނޮޕޯޒްގެ މަރުހަލާގައި ކުރިމަތިވާ ހޫނުއެރުންފަދަ އަލާމާތްތައް ލުއިކުރުމަށްވެސް ފެލްކްސް ސީޑް ބޭނުންކުރެވެއެވެ.