ޚަބަރު
ސަރަޙައްދީ އޮފީސްތަކުން ޕާސްޕޯޓް ހެދުމަށް ބޮޑު ތަރުހީބެއް، ސެޕްޓެމްބަރު މަހު 960 ޕާސްޕޯޓް ދޫކޮށްފި

އުނގޫފާރުގައި ޕާސްޕޯޓް ދޫކުރުމުގެ ޙިދުމަތް ފެށުން ފޮޓޯ: އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަނުގެ އޮފީސްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާއިރު، އެ ސަރަޙައްދުތަކުގައި ޕާސްޕޯޓް ހެއްދުމަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން، އިމިގްރޭޝަނުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ތަފާސްހިސާބުތަކުން އެންމެ ބޮޑަށް ފާހަގަވީ ސަރުކާރުން އަތޮޅުތަކުގައި ޤާއިމުކުރި ސަރަޙައްދީ އޮފީސްތަކަށް ޕާސްޕޯޓް ޚިދުމަތަށް އޮތް ޑިމާންޑް ބޮޑުވުމެވެ.
އިމިގްރޭޝަނުން މިއަދު އާއްމުކުރި ސެޕްޓެމްބަރު މަހުގެ ތަފްޞީލީ ތަފާސްހިސާބުތަކަށް ބަލާއިރު، ރީޖަނަލް އޮފީސްތަކުން ވަނީ ޖުމްލަ 960 ޕާސްޕޯޓް ދޫކޮށްފައެވެ. މިގޮތުން، ޕާސްޕޯޓް ޚިދުމަތް ފަށާފައިވާ 18 ރީޖަނަލް އޮފީހަކުން ސެޕްޓެމްބަރު މަހު ޕާސްޕޯޓް ދޫކޮށްފައިވެއެވެ.
ސަރަޙައްދީ އޮފީސްތަކުގެ ތެރެއިން އެންމެ ގިނައިން ޕާސްޕޯޓް ދޫކޮށްފައިވަނީ އައްޑޫ ސިޓީގެ ސ. މަރަދޫ އޮފީހުންނެވެ. އެ އޮފީހުން 146 ޕާސްޕޯޓް ދޫކޮށްފައިވާއިރު، ދެން އެންމެ ގިނައީ 144 ޕާސްޕޯޓް ދޫކުރި ކުޅުދުއްފުށި ސިޓީގެ ރީޖަނަލް އޮފީހެވެ. ތިންވަނައަށް އެންމެ ގިނައިން ޕާސްޕޯޓް ދޫކުރި ތިނަދޫ ސިޓީން ވަނީ 111 ޕާސްޕޯޓް ދޫކޮށްފައެވެ. އަދި ރ. އުނގޫފާރުގެ ރީޖަނަލް އޮފީހުން ސެޕްޓެމްބަރު މަހު 100 ޕާސްޕޯޓް ދޫކުރިއެވެ.
ސެޕްޓެމްބަރު މަހު މުޅި ޖުމްލަ 3884 ޕާސްޕޯޓް ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެތެރޭގައި މާލެ ސަރަޙައްދުގައި ދޫކުރި 2904 ޕާސްޕޯޓާއި، ސަރަޙައްދީ އޮފީސްތަކުން ދޫކުރި 960 ޕާސްޕޯޓްގެ އިތުރުން، މެލޭޝިއާގައި ހުންނަ އިމިގްރޭޝަން އޮފީހުން ދޫކުރި 20 ޕާސްޕޯޓް ހިމެނެއެވެ.
މެލޭޝިއާގައި އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ. މީގެ އިތުރުން، ކޮންމެ އަތޮޅަކުން ވެސް އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު، އޮކްޓޫބަރު 7 ވަނަ ދުވަހު ވަނީ ފުއްދަވައިފައެވެ. އެދުވަހު ޕާސްޕޯޓުގެ ޚިދުމަތް އެންމެ ފަހުން ފެށީ އދ. މަހިބަދޫގައެވެ.
މުޅި ރާއްޖެއަށް މި ޚިދުމަތްތައް ފުޅާވުމާއެކު، ކުރިން މާލެ ގޮސްގެން އައިޑީ ކާޑާއި ޕާސްޕޯޓް ހައްދަން ރައްޔިތުންނަށް ކުރަން ޖެހުނު ދަތުރުފަތުރުގެ ޚަރަދާއި، ވަގުތުގެ ދަތިކަން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އެބަދަލުގައި، ރައްޔިތުން އެދޭ ގޮތަށް ސަރަޙައްދީ އޮފީސްތަކުން މިހާރު އަންނަނީ މި ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެމުންނެވެ.