ޚަބަރު
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އަންނަ އަހަރުގެ ޙައްޖު ވިސާ ދޫނުކުރަން ސަޢުދީން އަންގައިފި : ޙައްޖު ކޮޕަރޭޝަން

މާތްވެގެންވާ ގެފުޅު
އަންނަ އަހަރުގެ ޙައްޖަށް ދާން ބޭނުންވާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ޙައްޖު ވިސާ ދޫނުކުރުމަށް ސަޢުދީ ސަރުކާރުން ނިންމާފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. މިކަން ސަޢުދީގެ ޙައްޖު މިނިސްޓްރީން މިހާރު ރާއްޖެއަށް އަންގާފައިވާ ކަމަށް ޝަކީލް ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަކީލް ވިދާޅުވި ގޮތުގައި، ހިތުގެ ބައްޔާއި ކިޑްނީ ބަލި، ނާރުގެ ބަލި އަދި ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޙައްޖު ވިސާ ދޫނުކުރުމަށް ސަޢުދީ ޙައްޖު މިނިސްޓްރީން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބަކީ، ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ބޭނުންވާ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.
މި ނިންމުމާ ގުޅިގެން، ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ޙައްޖުގެ ފުރުސަތު ލިބޭ ފަރާތްތައް ދުރާލާ މެޑިކަލް ޓެސްޓްތައް ހެދުމަށް ނިންމާފައެވެ. ޙައްޖު ކޯޕަރޭޝަނުގެ މެޑިކަލް ޓީމުތަކުން މި ރިޕޯޓްތައް ބަލައި، އިތުރު ޓެސްޓެއް ހަދަން ޖެހޭނެ ނަމަ، އެކަމަށް އަންގާނެ ކަމަށް ޝަކީލް ހާމަކުރެއްވިއެވެ. ޙައްޖު ވިސާ ލިބޭނެކަން ކަށަވަރުވާނީ، ހަދާފައިވާ މެޑިކަލް ރިޕޯޓްތައް ސަޢުދީ ޙައްޖު މިނިސްޓްރީއަށް ފޮނުވުމުން އެފަރާތުން އެކަން ޔަގީންކުރުމުންނެވެ.
ނަމަވެސް، ޝަކީލް ވަނީ ކުދިކުދި ބަލިތަކަށް ވިސާ ނުލިބޭނެ ކަމަށް ނުވާނެކަމަށް ވެސް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އާދައިގެ ހިތުގެ ނުވަތަ ކިޑްނީގެ މައްސަލައެއް ހުރުމަކުން މައްސަލައެއް ނާންނާނެއެވެ. ބަލީގެ ބޮޑުކުޑަމިނަށް ސަޢުދީގެ ޙައްޖު މިނިސްޓްރީން ބަލާނެ ކަމަށާއި، އެހެންކަމުން ހަދަންޖެހޭ ޓެސްޓުތައް ހަދައި، ސިއްޙީ ހާލަތު ހާމަވުމުން އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެވޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޙައްޖުގެ ޖާގަ ލިބިފައިވާ މީހަކަށް، ބޮޑު ބައްޔެއްގެ ސަބަބުން ޙައްޖު ވިސާ ނުލިބިއްޖެ ނަމަ، އެމީހަކު އިޚްތިޔާރުކުރާ އެހެން މީހަކު އެ ޖާގައަށް ފޮނުވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.