ޚަބަރު
ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އައު އުސޫލެއް އާންމުކޮށްފި!

ހދ ކުޅުދުއްފުށީ "ވެހިސަރާ" ނޭޗަރ ޕާކް
ދިވެހިރާއްޖޭގެ ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގައި ޢަމަލުކުރާނެ އައު އުސޫލެއް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރައްވައިފިއެވެ. މި އުސޫލުގެ މައިގަނޑު މަޤުޞަދަކީ ދިވެހިބަހާއި ސަގާފަތަށް އިސްކަންދީ، ތަންތަނަށް ނަންކިޔުމުގައި ޒަމާނާ އެއްގޮތް ނިޒާމެއް ޤާއިމުކުރުމެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، މި އުސޫލަކީ ޖިއޮގުރަފިކް ތަންތަނުގެ ތެރެއިން ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަނަށާއި، އަލަށް އުފައްދާ ތަންތަނަށް ނަންކިޔުމާއި، ވަކި ނަމެއް ދީފައިނުވާ ތަންތަނަށް ނަން ކިޔުމުގެ އިތުރުން، އާންމުކޮށް ބޭނުންކުރަމުން އަންނަ ނަމެއް ރަސްމީކޮށް އެތަނަކަށް ކިޔުމުގައި ނުވަތަ ދީފައިވާ ނަމެއް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކުރާ އުސޫލެއް ކަމުގައެވެ.
މި އުސޫލުގެ ދަށުން ނަން ފާސްކުރުމުގައި ބަލާނެ މިންގަނޑުތަކާއި، ނަން ކިޔުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ވަނީ ކަނޑައަޅާފައެވެ. ނަން ފާސްކުރުމުގައި ދިވެހިބަހަށް އިސްކަންދީ، އާންމު އިޖުތިމާޢީ އަދި އަޚުލާޤީ މިންގަނޑުތަކަށް ފެތޭ، ކިޔަން ފަސޭހަ، ރީތި، އަދި ސާދާ ނަމަކަށް ވުމަށް ވަރަށް ބޮޑަށް ބާރުއަޅާނެއެވެ. މީގެ އިތުރުން، އެހެން ތަނަކަށް ނުވަތަ މީހަކަށް ކިޔައިފައިވާ ނަމަކަށް ނުވުމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.
ރަށަކަށް ނުވަތަ ފަޅަކަށް ނަމެއް ކިޔުމުގައި ނުވަތަ ބަދަލުކުރުމަށް ހުށަހެޅޭނީ ދައުލަތުގެ އިދާރާތަކަށް ނުވަތަ އެތަނެއް ކުއްޔަށް ހިފައިފައިވާ ނުވަތަ ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ސަރުކާރުގެ އިދާރާއެއް ފިޔަވައި އެހެން ފަރާތަކުން ރަށަކަށް ނަމެއް ކިޔުމަށް ހުށަހެޅޭނީ އެ ފަރާތަކުން ހިއްކާފައިވާ ރަށެއް ކަމުގައިވާ ނަމައެވެ.
އައު އުސޫލުގައިވާ ގޮތުން، ރަށަކަށް ނުވަތަ ފަޅަކަށް ނަން ކިޔުމުގައި އެތަނެއްގެ ޤުދުރަތީ އުމުރާއި، ތާރީޚާއި، އޮތް ސަރަޙައްދާއި، އުފެދުމުގައި ހުރި ސިފަތަކާއި، ކުޑަބޮޑުމިނާއި، ޚާއްޞިއްޔަތު ނުވަތަ ވަސީލަތްތަކަށް ރިއާޔަތްކުރަންޖެހެއެވެ.
މި އުސޫލުގެ ދަށުން ޖިއޮގުރަފީ ތަންތަނަށް ނަންތައް ފާސްކުރުމުގެ ކަންކަން ކުރިއަށްގެންދާނީ، މާލީ ވަޒީރު އުފައްދަވާ 10 މެންބަރުންގެ މައްޗަށް އެކުލެވޭ ޖިއޮގުރަފިކް ނަންތަކާބެހޭ ކޮމެޓީއަކުންނެވެ. މާލީ ވުޒާރާއަށް ހުށަހެޅޭ ނަންތަކުގެ ހުށަހެޅުންތައް 15 ދުވަހުގެ ތެރޭގައި ދިރާސާކޮށް ކޮމެޓީއަށް ފޮނުވަން ޖެހޭނެއެވެ. ކޮމެޓީއަށް ހުށަހެޅުން ލިބޭތާ 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި، ހުށަހެޅި ފަރާތަށް އެ ނިންމުން އެންގުމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.
ނަމެއް ފާސްވެ، މާލީ ވުޒާރާއިން އިޢުލާނުކުރުމުން އެ ނަމަކީ އެތަނަކަށް ކިޔާ ރަސްމީ ނަންކަމުގައި ހަމަޖެހިގެންދާނެއެވެ. އަދި ފާސްކޮށްފައިވާ ނަން ރާއްޖޭގެ ރަސްމީ ޗާޓުގައި ހިމަނައި، ރަސްމީ ލިޔުންތަކުގައި ބޭނުންކުރަންވާނެއެވެ. ނަމަވެސް، ކިޔާފައިވާ ނަމަކީ އެހެން ފަރާތެއްގެ ވިޔަފާރި ނަމަކާ އެއްގޮތްކަމެއް ހުރެ ނުވަތަ އޮޅުންއެރިގެން ވިޔަފާރީގެ މަސްލަހަތަކަށް އުނިކަން އަތުވެދާނެ ނަމެއްކަމަށް ފާހަގަކުރެވިއްޖެނަމަ، އެކަން ބަލައި ނަން ބަދަލުކުރުމުގެ ނުވަތަ ބާޠިލުކުރުމުގެ އިޚްތިޔާރު ކޮމެޓީއަށް ލިބިގެންވެއެވެ.