ޚަބަރު
ދުވާރުތަކުގައި ގޮނޑިއާއި މޭޒު ނުބެހެއްޓުމަށާއި ތާރު ހަލާކުވާގޮތަށް ގަސް ނުހެއްދުމަށް އެޗްޑީސީއިން އަންގައިފި

ދުވާރުމަތީގައި ގޮނޑިއާ މޭޒު ބަހައްޓާފައި ފޮޓޯ: ޕީއެސްއެމް
ހުލާސާ
ހުޅުމާލޭގެ މަގުތަކާއި ދުވާރުމަތީގައި އެކި ޚިދުމަތް ދިނުމަށް ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ. މިކަމަށް އެއް ހަފްތާގެ މުއްދަތެއް ވަނީ ދީފައެވެ.
އެޗްޑީސީން މިކަން އަންގާފައިވާއިރު، މިދިޔަ އަހަރުވެސް އެޗްޑީސީން ވަނީ މިގޮތަށް ދުވާރުމަތީގައި ތަކެތި ބަހައްޓައިގެން ޚިދުމަތް ދިނުން މަނާކޮށް، ވިޔަފާރިތަކަށް އަންގާފައެވެ. ނަމަވެސް، ގިނަ ފަރާތްތަކަކުން އަދިވެސް ހުޅުމާލޭގެ މަގުތަކުގައި ގަސް ހެއްދުމަށް ހަދާފައިވާ ބައިގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކުމުގެ ވިޔަފާރިތަކާއި އެކި ޚިދުމަތްތައް ދެމުންދާކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އެޗްޑީސީން ވިދާޅުވާ ގޮތުގައި، މިގޮތަށް ގޮނޑިއާއި މޭޒުފަދަ ތަކެތި ބެހެއްޓުމުގެ ސަބަބުން މަގުތަކާއި ދުވާރުމަތި ބޭނުންކުރާ މީހުންނަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދެއެވެ.
އިޢުލާނުގައިވާ ގޮތުން، މަގުތަކާއި ދުވާރުމަތީގައި ބަހައްޓާފައި ހުރި މޭޒާއި ގޮނޑިފަދަ ތަކެތި ނެގުމަށް ދީފައިވާ އެއް ހަފްތާގެ މުހުލަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ، އެޗްޑީސީން އެ ތަކެތި ނަގާނެއެވެ. އަދި މިކަމުގައި މުދަލަށް ލިބޭ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާނުވާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
މީގެއިތުރުން، އެޗްޑީސީން ވަނީ މަގުތަކުގައި ޕޭމަންޓާއި ދުއްވާ ލޭނާ ދެމެދު ގަސް ހެއްދުމަށް ހަދާފައިވާ ހެޖުތަކުގައި ބިޔަކޮށް ހެދޭ ގަސް ނުޖެހުމަށްވެސް އަންގާފައެވެ. މިގޮތަށް އަންގާފައިވަނީ، ބިޔަ ގަސްތައް ޖެހުމުގެ ސަބަބުން ގަސްތަކުގެ މުލުގެ ސަބަބުން މަގުތަކުން ފެން ހިންދުމަށް ދަތިވެ، މަގުތަކުގެ ޕޭމަންޓާއި ތާރުގަނޑު ހަލާކުވަމުންދާތީއެވެ. އެޗްޑީސީން ވިދާޅުވީ މިގޮތަށް ހައްދާފައި ހުންނަ ބިޔަ ގަސްތައްވެސް ނަގާނެކަމަށެވެ.